ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ސްކޫލް ކުދިންނަށް ޚާއްޞަ ކޮށްގެން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށް ގެންދިޔަ "ސްކޫލް ހޮލިޑޭ ކޭމްޕް ޑިސެމްބަރ 2025" ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ.
މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ މަހުގެ 27އިން މިމަހުގެ 3 އާ ހަމައަށެވެ. މިފަހަރުގެ ސްކޫލް ހޮލިޑޭ ކޭމްޕުގައި 151 ކުދިން ބައިވެރިވިއެވެ.
މި ކޭމްޕުގެ ތެރެއިން 9 މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި، ވީޑިއޯ އެޑިޓިން ކްލާސްތަކާއި، ކޯޑިންގ އަދި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ކުރިއަށްގެންދާ ފެހުމާއި، މާޖެހުމުގެ މަސައްކަތްތައް ދަސްކޮށްދޭ ކްލާސްތައް ހިމެނެއެވެ. މީގެއިތުރުން ޓީވީ ޕްރެޒެންޓިންގ ކުލާސްތަކާއި، ޕެއިންޓް އެންޑް ކްރާފްޓުގެ ކްލާސްތަކުގެ އިތުރުން މި ކޭމްޕުގެ ތެރެއިން ވޯކަލް ކްލާސްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މިފަހަރުގެ ހޮލިޑޭ ކޭމްޕުގައި ކުރިން ބައިވެރިވި ގިނަ ކުދިންތަކެއް ބައިވެރިވިކަން އެމްއެމްއައިއިން ފާހަގަކުރެއެވެ.
އެމްއެމްއައި އިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ދާއިރާއިން ކޯސްތަކާއި، ތަމްރީން ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
ޕްރެޒެންޓިންގެ ދާއިރާއަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އިތުރު ކުރުމަށްޓަކައި އެމްއެމްއައި އިން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.