ފުލް ޓައިމްކޮށް ވަޒީފާ އަދާކުރަމުން ޕީއެޗްޑީއަށް ކިޔެވުމަކީ ޤައުމަށް ފައިދާވާނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.
ފިޒާނާ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީފާއަށް ދަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަކީ، އެކަށީގެންވާ ކަމެއް ނޫން ކަމަށް ނިންމާ ފުލް ޓައިމް ވަޒީފާ އަދާކުރަމުން ޕީއެޗްޑީއަށް ނުކިޔެވޭ ގޮތަށް ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަަމުން އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމެއް ކަމަށާއި، އަދި އެއީ ގިނަ އަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއް ކަމަށެވެ. ވުމާއެކު ފުލްޓައިމްކޮށް ވަޒީފާ އަދާކުރަމުން ޕީއެޗްޑީއަށް ކިޔެވުމަކީ، އެކަށީގެންވާ ކަމެއްނޫން ކަމަށް ވިދާޅުވިއެވެ.
ފިޒާނާ ވިދާޅުވީ، ޤައުމަށް ރަނގަޅު ގޮތް މެދުވެރިވާން އެދޭ މީހުން މި ބަދަލަށް ތާޢީދު ކުރާނެ ކަމަށެވެ. ނަމަވެސް، ހަމައެކަނި ސަނަދެއް ހާސިލްކުރުމަށް ކިޔަވާ ބޭފުޅުންނަށް މި ބަދަލަކީ އެންމެ އެދެވޭ ބަދަލަކަށް ނުވެދާނެ ކަމަށެވެ.
" އަބަދުވެސް މި ދެކެވެނީ، ފެންވަރު ނެތް ސަނަދުތަކެއްް ހިފައިގެން ކުދިން ނުކުންނަ ވާހަކަ. ފަހަރެއްގައި އަވަހަށް ސަނަދު ހޯދަން ބޭނުންވާ މީހުންނަށް މި ބަދަލަކީ، އެންމެ ރަނގަޅު އެންމެ އެދެވޭ ބަދަލަކަށް ނުވެދާނެ. އެހެންނަމަވެސް ބޭރު ޤައުމުތަކަށް ބެލި ކަމުގައިވިޔަސް މެޗުއަރ ކެނޑިޑޭޓުންނަށް މި ހުންނަނީ ޕާޓްޓައިމްކޮށް އޮފަރ ކޮށްފަ. ފުލް ޓައިމްކޮށް އޮފަރ ކޮށްފަ މި ހުންނަނީ ޔަންގް ޖެނެރޭޝަނަށް". ފިޒާނާ ވިދާޅުވިއެވެ.
މަތީ ތަޢުލީމު ހާސިލްކޮށް ސަނަދު ހޯދުމަށް "ޝޯޓްކަޓްސް" ނުހުންނާނެކަން ފާހަގަކުރައްވާ ފިޒާނާ ވިދާޅުވީ، ބައެއް ކޮލެޖު ޔުނިވަރސިޓީތަކުގައި ގަޑި ހަމަނުކުރާ ދަރިވަރުންނަށްވެސް ޓެސްޓު ހެދުމުގެ ފުރުޞަތު ދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
" އަޅުގަނޑަށް އެބަ ފެނޭ ކޮލެޖުތަކުން ކޮންޓެކްޓް ގަޑިއިރުތައް ހަމަނުކޮށް، ކުދިންނަށް މާކްސްދޭ އެބަ. ނޫނީ އެގްޒާމް ބާއްވާ ކޮންޓެކްޓް ގަޑިއިރުތައް ހަމަނުކޮށް". ފިޒާނާ ވިދާޅުވިއެވެ.
އެމްކިއުއޭއިން މަސައްކަތް ކުރައްވަނީ، ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ ޔުނިވަރސިޓީތަކުން ދަސްވެނިވާ ދަރިވަރުންނަކީ، ޤައުމަށް ބޭނުންތެރި އަދި ޢިލްމީ ބަޔަކަށް ހެދުމަށެވެ.