ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ސީދާ ދަތުރުތައް މާރިޗު މަހުގެ 12 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތުގެ ޓިކެޓު ވިއްކަން އެ އެއަރލައިނުން މިހާރު ވަނީ ފަށާފައެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
Fly direct from Malé to Dhaka ✈️
— MaldivianAero (@MaldivianAero) January 1, 2026
Twice weekly flights from 12 March 2026.
Return fares starting from USD 399 with a 30kg baggage allowance.
Book now at https://t.co/lwp36CDvvE#Maldivianaero #Maldives #Bangladesh pic.twitter.com/0vYWAGkOAb
މޯލްޑިވިއަނުން ވިދާޅުވީ، ދަތުރުތައް އަލުން ފަށާ ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވުމުން، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝް މީހުންނަށް ލިބޭނެ ބޮޑު ފަސޭހައަކަށްވާނެ ކަމަށެވެ.
މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް އާއި ފްލައިޓްގައި ކެއުމުގެ ހިދުމަތް ލިބޭނެ ކަމަށާއި، މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، ޓިކެޓް ބުކް ކުރުމަށް މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން ނުވަތަ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ބަންގްލަދޭޝްގެ ޑާކާއަކީ ވިޔަފާރިއާއި، ކުރު ޒިޔާރަތްތަކުގެ އިތުރުން ސަރަހައްދީ އެހެން މަންޒިލްތަކަށް ދަތުރުކުރުމަށް ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. މި ޤައުމަށް ދަތުރުތައް އަލުން ފެށުމުގެ އުފަލުގައި މޯލްޑިވިއަނުން ވަނީ އަންނަ ހަފްތާގެ ހުކުރު ދުވަހު "ޑާކާ، ވީ ހެރްޑު ޔޫ" ގެ ނަމުގައި މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައެވެ.
މި ހަރަކާތަކީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މުޖުތަމައަށް އަމާޒުކޮށްގެން، ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށް އެެއެއަރލައިނުން ވިދާޅުވެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 26 ބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.