ޚަބަރު

އެހީދޭ ޖަމްޢިއްޔާތައް މަނާ ކުރުމަށް ނިންމި ނިންމުން ތަންފީޒުކުރަން ފަށައިފި


ފަލަސްޠީނުގެ ޣައްޒާއާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ އިންސާނީ އެހީ ފޯރުކޮށްދޭ އަދި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ 37 ޖަމްޢިއްޔާއަށް އެ ސަހަރުތަކުގައި ދެން ޙަރަކާތްތެރި ނުވެވޭނެ ކަމަށް ޔަހޫދީން ނިންމި ނިންމުން ތަންފީޒު ކުުރުމާ ގުޅިގެން ބައިނަލްއަޤްވާމީ ދުނިޔެއިން އެ ކަމާ މެދު ހިތްހަމަނުޖެހުމާއި ކޮންބޮޑުވުން ފާޅުކޮށްފިއެވެ.

ފަލަސްޠީނުގައި ޙަރަކާތްތެރިވުން މަނާކޮށްފައިވާ ޖަމްޢިއްޔާތަކާއި އިދާރާތަކުގެ ތެރޭގައި ޑޮކްޓަރސް ވިތައުޓް ބޯޑަރސްއާއި ނޮވެއިޖަން ރެފިއުޖީ ކައުންސިލް ހިމެނެއެވެ. އެ ޖަމްޢިއްޔާތަކަކީ ބޭސް ފަރުވާ ފޯރުކޮށްދިނުމާއި ކާބޯތަކެތި ބެހުމާއި ފަލަސްޠީނުގެ ރައްޔިތުންނަށް ޤާނޫނީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާތަކެކެވެ.

އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނީ ޔަހޫދީންގެ ޢަމަލަކީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އޭގެ ސަަބަބުން އެ ޖަމްޢިއްޔާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުރައްކަލަށް ހުށެހެޅޭ ކަމަށާއި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުރަސްއެޅޭނެ ކަމަށް އެ ޖަމްޢިއްޔާތަކުން ބުނެއެވެ. މިހާރު ވެސް ދަތި ނިކަމެތި ޙާލަތުގައި ދިރިއުޅެމުންދާ ޣައްޒާގެ އެތައް ހާސް ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް ވެސް އެ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެއެވެ. އަދި ބައެއްގެ ސިޔާސީ ފިކުރުގެ މައްޗަށް އެ ބަޔަކަށް އެހީ ލިބުމާއި ނުލިބުން ބަރޯސާ ކުރުމާއި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޖަމްޢިއްޔާތަކުގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ޙިއްޞާކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖަމްޢިއްޔާތަކުން ބުނެއެވެ.

އދއާއި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ވެސް ބުނީ ޔަހޫދީންގެ ނިންމުމަކީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރަމުންދާ އުސޫލުަކަށް ފުށުއަރާ ނިންމުމެއް ކަމަށާއި، އެ ނިންމުމުގެ ސަބަބުން އެތައް ބައެއްގެ ޙާލަތު ގޯހުން ގޯހަށް ދާނެ ކަމަށެވެ.