ޚަބަރު

އަފްޣާނިސްތާންގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ، 17 މީހުން މަރުވެއްޖެ


އަފްޣާނިސްތާނަށް ބޯކޮށް ވާރެ އާއި ސްނޯ ވެހުމުގެ ސަބަބުން، ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެގެން ހިނގި ޙާދިސާތަކުގައި މިހާތަނަށް 17 މީހުން މަރުވެ 11 މީހުން ޒަޚަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އަފްޣާނިސްތާންގެ ހޭރަތު ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ކަބްކާންގައި ބޯކޮށްވާރޭވެހި، ގެއެއްގެ ފުރާޅު ވެއްޓި، އެ ގޭގައި ދިރިއުޅެމުންދިޔަ އާއިލާގެ ފަސް މީހުން މަރުވެފައިވާކަމަށް އެ ސަރަޙައްދުގެ ގަވަރުނަރުގެ ތަރުޖަމާނު މުޙައްމަދު ޔޫޞުފް ސަޢީދީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާންގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ތަރުޖަމާނު މުޙާއްމަދު ޔޫޞުފް ޙައްމާދު ވިދާޅުވި ގޮތުގައި ހޯމަ ދުވަހުން ފެށިގެން ގިނަ ގެއްލުންތަކެއް ލިބިފައި ވަނީ ފެންބޮޑުވުމުގެ ސަބަބުން ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން އަފްޣާނިސްތާންގެ މެދު އަދި އުތުރާއި ދެކުނު އަދި ހުޅަނގު ސަރަޙައްދުތަކުގެ ޢާންމު ދިރިއުޅުމަށް ވެސް ބުރޫއަރާފައިވާ ކަމަށެވެ.

ޙައްމާދު ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން އުމްރާނީ ވަޞީލަތްތަކަށް ގެއްލުން ލިބި، ދިރޭތަކެތި މަރުވެ، 1،800 އާއިލާއަށް އަސަރުކޮށްފައިވާ ކަމަށާއި މިހާރު ވެސް ވަރަށް ޙާލުގައި ތިބި މީހުންގެ ޙާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ އިދާރާއިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަޙާއްދުތަކަށް ޓީމުތައް ފޮނުވާފައިވާ ކަމަށާއި، ޙާލުގައި ޖެހިފައިވާ މީހުންގެ އިތުރު ބޭނުންތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަވަށްޓެރި ޕާކިސްތާނާއި އިންޑިއާ ފަދައިން އަފްޣާނިސްތާނަކީ ވެސް މޫސުމީ ކާރިޘާތައް، ޚާއްޞަކޮށް ވިއްސާރައިގެ ސަބަބުން ކުރިމަތިވާ ފެންބޮޑުވުމުގެ ޙާދިސާތަކުގެ ނުރައްކާ ވަރަށް ބޮޑު ޤައުމެކެވެ.

ގިނަ އަހަރުތަކެއް ވަންދެން ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި، އުމްރާނީ ވަޞީލަތްތައް މަދުވުމާއި، ގަސް ކެނޑުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ވަރުގަދަވުމުން، ޚާއްޞަކޮށް އާބާދީ ބޮޑު އަދި ރައްކާތެރިކަން ކުޑަ ދުރު ސަރަޙައްދުތަކުގައި މިފަދަ ކާރިޘާތަކުގެ އަސަރު ބޮޑުވެފައިވެއެވެ.

މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނާއި ޕާކިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ރިކްޓަރ މިންގަނޑުގެ 6.0 ގެ ބާރުމިނުގެ ބިންހެލުމެއް އައިސް 1،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ބިންހެލުމުގެ އަސަރު ކުރި މީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތްތަކަށް ހުރަސް އެޅުނީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްއާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.

އދ.އާއި އެހެނިހެން އެހީދޭ އިދާރާތަކުން މި ހަފްތާގައި އިންޒާރު ދީފައިވަނީ އަފްޣާނިސްތާނަކީ 2026 ވަނަ އަހަރުވެސް ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިޘާ ކުރިމަތިވެފައިވާ ޤައުމުގެ ގޮތުގައި ބެލެވޭ ކަމަށެވެ.

މިގޮތުން، އަފްޣާނިސްތާންގައި ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 18 މިލިއަން މީހުންނަށް އެހީތެރިވުމަށް އދއިން އިސްވެ ވަނީ، 1.7 ބިލިއަން އެމެރިކާ ޑޮލަރު ހޯދަން ދުނިޔޭގެ އެކި ޤައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ.