ތަރައްްޤީ

ތިނަދޫގައި އަޅާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިމިއްޖެ


ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އަޅުއްވާފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިމިއްޖެއެވެ.

މި ހައުސިންގ ޔުނިޓްތަކަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ރައްވެހިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އާބާދީގައި 7،532 މީހުން ދިރިއުޅޭ ގދ. ތިނަދޫގައި ރަށްވެއްސަކަށްނުވެ ގާތްގަނޑަކަށް 3،000 މީހުން މިރަށުގައި ދިރިއުޅެމުންދެއެވެ.

އަތޮޅު ތަޢުލީމީ މަރުކަޒު ހުރުމާއި ރީޖަނަލް ހޮސްޕިޓަލްވެސް ހުންނަނީ ތިނަދޫގައިކަމުން މިރަށަކީ އަބަދުވެސް އެ އަތޮޅުގެ މީހުން ގިނަ އަދަދަކަށް ދަތުރުކުރާ ރަށެއް.އަދި އެތައް ބަޔަކު ދަނީ ދިރިއުޅުންވެސް އެރަށަށް ބަދަލުކުރަމުން.

މިގޮތުން ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި އަޅުއްވާ 120 ފްލެޓްގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ހައުސިންގ މަޝްރޫޢުއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ޢިމާރާތްކުރައްވާ ހައުސިންގ ޔުނިޓްތައް މިހާރު ނިމިފައިވާ ކަމަށެވެ. ސަރުކަރުގެ އަމާޒަކީ އެ ތަންތަން މީހުންނާއި ޙަވާލުކުރެވޭއިރު އެގްރިމަންޓްވެސް ހެދިގެން ވަދެވޭ ވަރަށް ތައްޔާރުވުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/7861.jpg|ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު - ފައިލް ފޮޓޯ: ޕީއެސްއެމް

"މިހާރު ހައުސިންގ ޔުނިޓްތައް ވަނީ ނިމިފައި. މީހުން ހޮވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަމާޒަކީ ގެތައް ނިމި މީހުންނަށް ވަދެވޭ ވަރަށް ރެޑީވާންވާއިރަށް މީހުންވެސް ހޮވާ ނިންމުން. އޭރުން ވަގުތުން ވަދެވޭނެ އެގްރިމަންޓްވެސް ހަދާނިންމަން ބޭނުންވަނީ." ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް އިބްރާހީމް އައްސަދު ވިދާޅުވީ، މި ފްލެޓްތަކަކީ އެ އަތޮޅުގެ މީހުންނަށް އިސްކަމެއް ދެއްވައިގެން ސަރުކާރުން އަޅުއްވާފައިވާ ފްލެޓްތަކަކަށް ވާއިރު، ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚާއި ހަމައަށް 800 ވަރަކަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

މި ފްލެޓްގެ ތެރެއިން އަށްޑިހަ ފްލެޓް ޚާއްޞަކުރައްވާފައިވަނީ ތިނަދޫގެ ރަށްވެހިންނަށެވެ. 25 ފުލެޓް އެރަށަށް ހިޖުރަކުރާ މީހުންނަށް ޚާއްޞަކުރައްވާފައިވާއިރު ބާކީ 15 ފުލެޓް ވިއްކަވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ. އައްސަދު ވިދާޅުވީ މިހާރު ކުރިއަށްދަނީ ފޯމުތައް ޗެކްކުރުމާއި މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.

"އަށްސަތޭކަ ވަރަކަށް ފޯމު ހުށަހަޅާފައިވާއިރު އޭގެތެރެއިން ވަރަށް ބޮޑު ޕަސެންޓެއް އަތޮޅުތެރެއަށް ކަނޑައަޅާފަވަނީ.. B, A ގެ ފޯމުތައް ދޫކުރެވި، އަށްސަތޭކަ ވަރަކަށް ފޯމު މިހާރު ބަލައިގެންފަވަނީ.. މިހާރު ކުރިއަށްދަނީ އެ ފޯމުތައް މިނިސްޓްރީއަށް ފޮނުވާ މަޢުލޫމާތު ސާފުކުރުމާއި އެ މަސައްކަތް." އައްސަދު ވިދާޅުވިއެވެ.

ގ.ދ ތިނަދުއަކީ ސަރުކާރުން މިހާރު އެންމެ ގިނަ މަޝްރޫޢު ކުރިއަށްގެންދާ އެއް ރަށެވެ.