ތަޢުލީމު

މަޖީދިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މިޝަލް ހޮވިއްޖެ


މަޖީދިއްޔާ ސްކޫލްގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މިޝަލް މުޙައްމަދު ނަޢީމް ހޮވިއްޖެއެވެ.

ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިޝަލް އަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ އަލީ ޝަމީމެވެ. މަޖީދިއްޔާ ސްކޫލްގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އެ ސްކޫލްގެ މިދިޔަ އަހަރުގެ ކެޕްޓަން މިޝަލް މުޙައްމަދު ނަޢީމް އަކީ ޢުމުރުން 10 އަހަރުގައި އޯލެވެލް އިނގިރޭސި އަދި އޭލެވެލް އިނގިރޭސި - ސީއޭއީ ގައި، އަދި ޢުމުރުން 11 އަހަރުގައި ބައިވެރިވެ އޭ ގްރޭޑް ހޯދާފައިވާ ދަރިވަރެކެވެ. އޭނާ ވަނީ ވަނީ މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާންގައި ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން ރާއްޖޭގެ ގަދަ 10 ގެ އެއްވަނައިގައި ހިމެނިފައެވެ. އަދި ކޮމްޕިއުޓަރ ސައިންސް އިން ދުނިޔެއިން 7 ވަނަ އާއި ރާއްޖެއިން 1 ވަނަ ހޯދާފައެވެ. img:http://s1.psmnews.mv/images/660x400/14731425477129.jpg|މަޖީދިއްޔާ ސްކޫލްގެ 2015 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މިޝަލް މުޙައްމަދު ނަޢީމް ހޮވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މިދިޔަ އަހަރު މަޖީދިއްޔާ ސްކޫލްގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު 2 ވަނަ ދަރިވަރަކަށް ހޮވުނީ އަހުމަދު ބާސިލް ޝިޔާމެވެ. އަދި 3 ވަނަ އަށް ހޮވިފައިވަނީ އިބްރާހީމް ދާއޫދު މުޙައްމަދެވެ.

މި ރަސްމިއްޔާތު ޝަރަވުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ތަރައްޤީއާއެކު ދަރިވަރުންނަށް ބޭނުންވާ ތަޢުލީމާއި އެއްވަރަށް ތަރުބިއްޔަތުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ބޮޑެތި މީހުން ނަމޫނާ ދައްކަންޖެހޭކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް ސްކޫލް ނިމި މުޖުތަމަޢަށް ނިކުންނައިރުވެސް އަބަދުވެސް ކަންކަމަށް ހޭލުންތެރި ބަޔަކަށްވުމަށް ޑރ. އަލީ ޝަމީމް ގޮވާލެއްވިއެވެ.

މަޖީދިއްޔާ ސްކޫލްގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، މިދިޔަ އަހަރު އެސްކޫލްގެ ގްރޭޑް 8 ،9 އަދި 10 ގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ދަރިވަރުންނަށް ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.

ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް އިއްވަމުން ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސާލިޙް ވިދާޅުވީ ވޭތުވެދިޔަ އަހަރު އެސްކޫލުން ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން އޯލެވެލް އިމްތިޙާންގައި 151 ދަރިވަރުން ބައިވެރިވެ 5 މާއްދައިން ފާސްވި ނިސްބަތް 61 އިންސައްތައިގައި ހުރިކަން ފާހަގަކުރެއްވިއެވެ. އަދި އޯލެވެލް އިމްތިޙާންގެ ރާއްޖޭގެ ގަދަ 10 ގެ 1 ވަނައިގައި އެސްކޫލްގެ 5 ދަރިވަރަކު ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މަޖީދިއްޔާ ސްކޫލްގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މިޝަލް މުޙައްމަދު ނަޢީމް ބުނީ އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އޭނާގެ މައިންބަފައިން ކަމަށާއި މިއީ އޭނާގެ ސާނަވީ ތަޢުލީމުގެ ހަޔާތުގައި ކާމިޔާބުނުވެ އޮތް ހަމައެކަނި ޝަރަފު ކަމަށެވެ.

މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 1 ން ފެށިގެން 12 އާއި ހަމައަށް 1،260 ދަރިވަރުން ދަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.