ޚަބަރު

އަހަރުގެ ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނުގެ ރައްޔިތެއް


  • ވީއައިއޭ ޓަރމިނަލް 1 އިން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި

  • މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 2.24 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރި

އަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ހޫނު މަރުޙަބާއެއް ކިޔަފިއެވެ.

އެމްއޭސީއެލްއިން ވަނީ، އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަކލް 1 އިން ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ އެންމެ ފުރަތަމަ ފަތުރުވެރިޔާއަކީ، ޖަރުމަންވިލާތުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރިއާސް ހެލްވެގާރއެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ، އިއްތިހާދު އެއަރވޭސްގެ ފްލައިޓަކުންނެވެ. މިއީ، އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަހަރު ނިމި އައު އަހަރެއް ފެށޭ ދުވަސް ވަރަކީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ދުވަސްވަރެވެ. މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދޭ ޚިދުމަތާއި ތަޖުރިބާ އެންމެ ފުރިހަމައަށް ދިނުމަށް، އެމްއޭސީއެލްއިން ވަނީ ހުރިހާ އެއަރލައިނެއް ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މިހާރު އައު ޓަރމިނަލް ނުވަތަ ޓަރމިނަލް 1 އިން 41 އެއަރލައިނަށް ޚިދުމަތް ދެމުންދާ ކަމަށެވެ. އަދި ހުރިހާ އެއަރލައިނެއް އައު ޓަރމިނަލަށް ބަދަލުވިއިރު، ހަމައެކަނި ޓަރމިނަލް 1 އިން މިހާތަނަށް 600،000 އަށްވުރެ ގިނަ ފަތުރުވެރިންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން ދަނީ، ޓަރމިނަލް 1 އިން ދޭ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރު އައު ޓަރމިނަލުގެ ޑިއުޓީ ފްރީގެ ޚިދުމަތް ފެށުމަށް ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ސީޕްލޭން ކައުންޓަރތަކުގެ ޚިދުމަތްވެސް މި ޓަރމިނަލަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، މިދިޔަ 2025ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 2,240،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ، 2024 ވަނަ އަހަރާއި އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުވެރިކަމާއި ބެހޭ ވަޒީރު ވަނީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުކަން ފާހަގަކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ، ފަތުރުވެރިކަމުން ރާއްޖެއަށް ވަންނަ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުމެވެ. ސަރުކާރުގެ މަސައްކަތްތަކުން 2025 ވަނަ އަހަރުގެ ނިޔަލަށް މިއަދަދު 5.45 ބިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.