ޚަބަރު

ރާއްޖޭގެ 6 ސަރަޙައްދެއްގައި ޔޫތު ހަބު، ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް


  • އައްޑޫ، ފުވައްމުލަށް، ތިނަދޫ އަދި ކުޅުދުއްފުށި ސިޓީގައި ޔޫތު ހަބު ޤާއިމްކުރާނެ

  • ފުރަތަމަ ޔޫތު ހަބު ހުޅުވާފައިވަނީ މާލޭގައި

ރާއްޖޭގެ 6 ސަރަހައްދެއްގައި ޔޫތު ހަބު ނުވަތަ ޒުވާނުންގެ ވެހި ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.

ޒުވާނުންނަށް ޚާއްޞަ ކޮށްގެން ހުޅުވި ފުރަތަމަ ޔޫތު ހަބު މާލޭގައި ވަނީ ހުޅުވާފައެވެ.

ޔޫތު ހަބު ނުވަތަ ޒުވާނުންގެ ވެހި ޤާއިމް ކުރަނީ، ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށާއި، ޒުވާނުންނަށް ޚާއްޞަ ކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމަށާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާޙައުލެއް ޤާއިމު ކުރުމަށާއި، ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ދެވޭނެ ތަނެއްގެ ގޮތުގައި ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މީގެ ކުރިން ޒުވާނުން އެއްތަނަކުން ބައްދަލުވެވޭނެ ތަނެއް ޤާއިމްކުރެވިފައި ނެތް ކަމަށެވެ. އަދި އެކަން އޮތީ އެއްފަރާތް ކުރެވިފައި ކަމަށެވެ. އެހެންނަމަވެސް ޒުވާނުންނަށް އިތުރު ތަންތަނުގައި ހަރަކާތްތެރިވެ މަސައްކަތް ކޮށްލުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ޔޫތު ހަބުތައް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މިމަސައްކަތްތަކުގެ ދަށުން ޒުވާނުންގެ ފުރަތަމަ ހަބު މިހާރު ހުޅުވާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވީ، މާލޭގައި ހުންނަ ޔޫތު ހަބުގައި ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ޒުވާނުންނަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް އެފަދަ ތަންތަން އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން މިހާރު އައްޑޫސިޓީ، ފުވައްމުލަށް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ޔޫތު ހަބު ޤާއިމު ކުރުމަށްޓަކައި ސޮއިކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިކަން ފުޅާކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ޔޫތު ހަބު ޤާއިމްކުރާނަން. އެއީ، އަޅުގަނޑުމެން މިހާރުވާނީ ސޮއިކޮށްފައި. އައްޑޫ ފުވައްމުލަށް، ތިނަދޫ، ކުޅުދުއްފުށީ ސިޓީގައި. އެންމެ ދަށްވެގެން 6 ސަރަޙައްދެއްގައި ޤާއިމްކުރުން" ވަޒީރު ވިދާޅުވިއެވެ.

ޒުވާނުންނަށް ޚާއްޞަ ކޮށްގެން ތަރައްޤީ ކުރާ ޒުވާނުންގެ ވެހި ނުވަތަ ޔޫތު ހަބު ފަދަ ތަންތަނަކީ ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީޤަތަކަށް ހަދައި، ޒުވާނުން ބާރުވެރި ކުރުވުމަށް މުޙިއްމު މަންސަ އެއްކަމުގައި ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.