ޚަބަރު

ބޮޑު ޚަރަދުކުރަންޖެހުނު ޚިދުމަތްތައް މާދަމާއިން ފެށިގެން ހިލޭ


  • ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ވަނީ ހަމަޖައްސާފައި

  • ފިލިޕީންސްގައި އުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ޚަރަދު

  • ތެލަސީމިއާ ކުދިންނަށް އެލަވަންސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މުހިއްމު ވަޢުދުތަކެއް ފުއްދެވުމަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާގެ މުހިއްމު 5 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހުކުރައްވައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމްއެވެ. މި ޕްރޮގްރާމްތައް ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އާ އަހަރާއި ދިމާކޮށް ފައްޓަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ތެލަސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެެނެއެވެ. އެގޮތުން، މާދަމާއިން ފެށިގެން ތެލަސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 2,000 ރުފިޔާގެ ވަކި އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޞިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތަކަށް ހިނގާ ޚަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ޚަރަދެއްވެސް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެންސްޕާއިން ފާހަގަކުރެއެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، 'މެރަނާ' ސްކީމް މެދުވެރިކޮށް ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާ ޕްރޮގްރާމެއްވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ 65 އިންސައްތަ ސަރުކާރުން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން، ރައީސްގެ ވަޢުދާއި އެއްގޮތަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރު އިތުރުކުރެވުންވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މި ބަދަލާއެކު، ގިނަވެގެން 4 ކުދިންނާ ހަމައަށް، ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދެމުންދާނެއެވެ.