ޚަބަރު

ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ކެމްބޯޑިޔާގެ 18 އަސީރުން މިނިވަންކޮށްފި


ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދިޔަ ޙަމަލާތައް ހުއްޓައިލުމަށް ޢަމަލުކުރަމުންދާ ސުލްޙައިގެ އައު އެއްބަސްވުމުގެ ދަށުން، ތައިލެންޑުގެ ބެލުމުގެ ދަށުގައި ތިބި ކެމްބޯޑިޔާގެ އަސީރުންތަކެއް މިނިވަންކޮށްފިއެވެ.

ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރި ވަރުގަދަ ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެވުނު އެއްބަސްވުމާ ޚިލާފުވެ، މި މަހުގެ ކުރީކޮޅު ދެ ޤައުމުން ވެސް ޙަމަލާތައް ބަދަލުކުރަން ފެށިއެވެ. ގާތްގަަނޑަކަށް 20 ދުވަހަށް ދިގުދެމިގެންދިޔަ ކުރިމަލުންތަކުގައި 100އަށް ވުރެ ގިނަ މީހުން މަރުވެ، ބައި މިލިޔަނަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރުވެފައެވެ.

ޙަމަލާތައް ހުއްޓައިލުމުގެ އައު އެއްބަސްވުމެއްގައި ސޮއިކޮށް، ޢަމަލުކުރަން ފަށާފައިވަނީ ޑިސެމްބަރު 27ވަނަ ދުވަހުއެވެ.

ކެމްބޯޑިޔާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ވިދާލުވީ، އަސީރުންގެ ގޮތުގައި ތައިލެންޑުން ހިފަހައްޓާފައިތިބި 18 ސިފައިންގެ މީހުން، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސަރަޙައްދީ ރޮނގު ކައިރިން ޙަވާލުކޮށްފައިވާ ކަމަށެވެ.

ތައިލެންޑްގެ ބެލުމުގައި ދަށުގައި 155 ދުވަސް އެ މީހުން ތިބިއިރު، އެ މީހުންނާ މެދު ޢަމަލުކޮށްފައިވާނީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ތައިލެންޑުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

އައު އެއްބަސްވުމަށް ދެ ފަރާތުން ވެސް އިޙްތިރާމްކުރާނަމަ، އެއްބަސްވުމުގައި ސޮއިކުރެވޭތާ 72 ގަޑިއިރު ފަހުން އަސީރުން މިނިވަންކުރަން ހަމަޖެހިފައިއޮތްނަމަވެސް، އެކަން ލަސްވީ، އެއްބަސްވުމާ ޚިލާފަށް ކެމްބޯޑިޔާއިން ތައިލެންޑްގެ ވައިގެ ސަރަޙައްދުގައި ޑްރޯންތަކެއް އުދުއްސިކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ.

ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ހަމަ އެ ދުވަހު ދެ ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ، ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިން ޖަމާނުކުރަން އެއްބަސްވުމުގެ އިތުރުން، ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ މީހުން އެނބުރި އައުމަށް ފުރުޞަތު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.