ޚަބަރު

ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އައު ސޮފްޓްވެއަރތަކެއް


  • ވުޒާރާއާއި ސިއްޙީ މަރުކަޒުތަކާ ދެމެދު ކުރެވޭ މުޢާމަލާތްތައް ފަސޭހަވެގެންދާނެ

  • މެޑިކަލް ސްޓޮކް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ބަލަހެއްޓުމުގެ މަސައްކަތް ކުރެވޭނެ

ސިއްޙީ މަރުކަޒުތަކުންދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އައު ސޮފްޓްވެއަރއެއްތަކެއް ތަޢާރަފްކޮށްފިއެވެ. މި ސޮފްޓްވެއަރތައް އިފްތިތާޙުކުރުމަށް ސިއްޙީ ވުޒާރާގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއޔާތުގައި މި ސޮފްޓޮވެއަރތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެެ. އަރިހުގައި ސިއްޙީ ވަޒީރު ނާޒިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ސިއްޙީ ވުޒާރާއިން ވަނީ "ހެލްޕް ޑެސްކް ސަޕޯޓް” ގެ ނަމުގައި ސޮފްޓްވެއަރއެއް އިފްތިތާޙްކޮށްފައެވެ. މި ސޮފްޓުވެއަރއަކީ ސިއްހީ ވުޒާރާއާއި، ސިއްޙީ މަރުކަޒުތަކާމެދު ކުރެވޭ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތަކަށް، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތަޢާރަފްކުރި ސޮފްޓްވެއަރއެއްކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ

މީގެއިތުރުން އެ ވުޒާރާއިންވަނީ "މެޑިކަލް ސްޓޮކް ސިސްޓަމް"ގެ ނަމުގައި ވެސް ސޮފްޓްވެއަރއެއް ތަޢާރަފްކޮށްފައެވެ. މި ސޮފްޓްވެއަރއަކީ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ބަލަހައްޓަމުންދާ މެޑިކަލް ސްޓޮކް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ބަލަހައްޓާ، ވަގުތުން ވުޒާރާއަށް ފެންނަގޮތަށް ހެދުމަށްޓަކައި ތަޢާރަފްކުރެވުނު ސޮފްޓްވެއަރއެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، އިންސާނީ ވަސީލަތްތައް މެނޭޖުކުރުމަށް، ހުރިހާ ސިއްޙީ މަރުކަޒުތަކެއްގައި ސޮފްޓްވެއަރތައް ތަޢާރަފް ކުރަމުންދާނެކަމަށެވެ. މީގެއިތުރުން އެ ވުޒާރާއަށް ހިއްސާކުރަންޖެހޭ ލިޔެކިއުންތައް ޑިޖިޓަލްކޮށް ހިއްސާކުރުމަށްޓަކައި ސޮފްޓްވެއަރއެއް ތަޢާރަފްކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އެ ވުޒާރާއން ވިދާޅުވީ، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް، ތަޢާރަފްކުރެވިގެންދިޔަ ސޮފްޓްވެއަރތަކުގައި ބޭނުންކުރެވޭނެ ޑިޖިޓަލް ވަސީލަތްތައް އިތުރުކުރަމުންދާނެ ކަމަށެވެ.

ސޮފްޓޮވެއަރތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ސިއްޙީ މަރުކަޒުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.