ޚަބަރު

ވިއްސާރައިގައި އައްޑޫގެ 4 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް


  • ގޭގެޔައް ފެންވަދެގެންވެސް ރިޕޯތްކޮށްފައިވޭ

  • އިންސާނީ އެހީތެރިކަން ބޭނުންވެގެން ހުށައަޅާފައި ނުވޭ

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު، ވަޔާ އެއްލާލައި ބޮޑެތި ގެއްލުންތަކެއްވެއްޖެވެ.

ވިއްސާރައިގައި ފުރާޅު އެއްލާލި ގެތަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް 4 ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާކަމަށެވެ. އެގޮތުން ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެއާއި 07:40 ހާއިރު މަރަދޫ އެމަރލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫންޝެޑޯ ގޭގެ ފުރާޅު އެއްލާލައިގެން ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ. މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މެޔަރ އަލީ ނިޒާރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި، ވައި ގަދަވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށެވެ. އެގޮތުން ބައެއް ގެތަކުގެ ފިރާޅު އެއްލާލައި މަގުމަތީގައި ހުރި ގަސްތައްވެސް ވެއްޓިފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން ހިތަދޫގައި ހުރި ބައެއް ފްލެޓްތަކަށްވެސް ގެއްލުންވެފައިވާއިރު ގެތަކަށް ފެންވަދެގެންވެސް ރިޕޯޓުކޮށްފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.

"ހަމަގަސްތައްވެސް ވައިބާރުކަމުން އެބަހުރި ވެއްޓިފައި. ފުރާޅު އެއްލާލާ ވަރަށް ބޮޑު ގެއްލުންތަކެއް ވަނީ ވެފައި. އަދި ފެންވަދެގެންވެސް އެބަހުރި ރިޕޯޓްކޮށްފައި. ނިސްބަތުން ހަމަ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި" ނިޒާރު ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ޕިއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫއާއި ފުވައްމުލަކުން ވިއްސާރަވެ ވައިގަދަވެ ގެއްލުންވެގެން ރިޕޯޓް ލިބެމުންދާކަމަށެވެ. އައްޑޫގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި އަދި ފުވައްމުލަކު ގެއެއްގެ މައްޗަށް ބަންބުކެޔޮ ގަހެއްވެއްޓި ގެއްލުން ވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކަށް އިންސާނީ އެހީތެރިކަން ބޭނުންވެގެން ހުށައަޅާފައި ނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. ލިބެމުންދާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.