އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000އަށްވުރެ ގިނަ ފަތުރުވެރިން މިހާރު ރާއްޖެއަށް އަންނަ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 2.2 މިލިޔަން ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 2.0 މިލިޔަން ފަތުރުވެރިންނާއި އަޅާ ބަލާއިރު، %9.9 އިތުރު އަދަދެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިދިޔަ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ޚާއްސަކޮށް މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖެއަށް 9000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު އިތުރުވެފައިވާއިރު މިމަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޑިސެންބަރުމަހާ އަޅާބަލާއިރު %8.2 އިތުރު އަދަދެކެވެ.
ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ޗައިނާއިން އަހަރުގެ މިހާތަނަށް ވަނީ 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައަށް ދެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުވެސް ވަނީ 2 ލައްކައަށްވުރެ އިތުރުވެފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު، 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިންނެވެ.