ތަޢުލީމު

އޮސްޓްރޭލިއާ ސަރުކާރުންދޭ ސްކޮލަރޝިޕްގެ ޢަދަދު އިތުރު ކުރަނީ


އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންދޭ އޮޒެއިޑްގެ ފަރާތުން ދޭ ސްކޮލަރޝިޕްގެ ޢަދަދު އަންނަ އަހަރުން ފެށިގެން އިތުރުކޮށްދެއްވާނެ ކަމުގައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރައިސް ހަޗްސަން މިހެން ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި އޮސްޓްރޭލިއަން އޭޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮޒެއިޑްގެ ހިލޭ އެހީގެ ދަށުން މިހާރު ރާއްޖެއަށް ދެމުންދާ 10 ސްކޮލަރޝިޕްގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން 16 ފުރުޞަތަށް އިތުރުކޮށްދެއްވާނެކަމުގައި ވިދާޅުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14730716430378.jpg|އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރައިސް ހަޗްސަން، އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް އާއި ބައްދަލުކުރައްވަނީ- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ތަޢުލީމީ ދާއިރާއިން އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ޕެރެމެޑިކްގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ރާއްޖޭގައި ކުރު މުއްދަތުގެ ކޯސްތަކެއް ހިންގެވުމަށް އޮސްޓްރޭލިއާ ސަފީރު ޝައުޤުވެރިކަން ފާޅުކުރައްވާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.