ޚަބަރު

"އިދިކޮޅު ފަރާތްތަކުން ދަނީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލަމުން"


ޤައުމާއި، ރަށާއި، މުޖުތަމަޢުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި، ޙަޤީޤަތް ސާފުކޮށް އޮންނައިރުވެސް، އެއާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމެއް ނެތި، ކުރާ ކަންކަމަކީ، ޤައުމުގެ މުސްތަޤުބަލައްޓަކައި ކުރެވޭ މަސައްކަތަށް އެޅޭ ހުރަހަކަށް ވެގެން ހިނގައިދާނެ ކަމަށާއި، ސިޔާސީ ވިސްނުމެއްގައި ވަކިބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ ކަންކަމާމެދު ރައްޔިތުން ގޮތެއް ނިންމަން ޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ތަރައްޤީގެ މަސައްކަތްތަކަށް، އެކި ކަންކަމާ ގުޅޭގޮތުން އެކިފަރާތްތަކުން ފަތުރާ ޙަޤީޤަތެއް ނެތް ވާހަކަތަކުގެ ސަބަބުން ފޯރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން، ރާއްޖެ މިއަދު ޕްރޮގްރާމްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އިދިކޮޅު ފަރާތްތަކުގެ ޒިންމާގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އިދިކޮޅި ފަރާތްތަކުން މަސަކަތްކުރަނީ، ޙަޤީޤަތް ފެންނަން އޮންނައިރުވެސް ޙަޤީޤަތާ ދެކޮޅަށް ކަންކަން އޮޅުވާލުމުގެ ބޭނުމުގައިކަމަށެވެ. އެގޮތުން، ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ފެނި، އެކަންކަމަށް ރައްޔިތުންކުރާ ތާޢީދު އެފަރާތްތަކަށް ބަލައިނުގަނެވޭކަމަށް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ. އެހެންކަމުން ދެން މަސަކަތްކުރަނީ ސަރުކާރުން ކުރިއަށްގެންދަވާ މަސަކަތްތައް ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި، ތަރައްޤީގެ ކަންކަމުގައި ބައެއް ރަށްރަށުގެ ކައުންސިލްތަކާއި، ރައްޔިތުންގެ އެއްބާރުލުން ނުދޭފަދަ ގޮތަކަށް އިދިކޮޅުފަރާތްތަކުން ހިތްވަރުދީ ހަދާކަން މިނިސްޓަރ މުޢިޒު ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކުވެސް ގިނަ ދިވެހި ރައްޔިތުން ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްގީގެ ކަންކަމަށް ރުހޭކަމަށާއި، އަދި އެކަންކަން  ބަލައިގަންނަކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޑރ.މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ހިތަކުގައި ސަރުކާރަށް ނަފްރަތު އުފައްދަން އިދިކޮޅު މީހުން މަސައްކަތް ކުރިނަމަވެސް ޤައުމީ ވިސްނުމުގައި ރައްޔިތުން މިހާރު ގޮތެއް ނިންމަން ޖެހިފައިވާކަމަށެވެ.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އުތުރުން ދެކުނަށް މިވާ ރަށްތަކުގައި މުޅިޖުމްލަ 565 މަޝްރޫޢު ކުރިއަށް އެބަގެންދަވާ ކަމަށާއި، މީގެތެރެއިން ބައެއް މަޝްރޫޢުތައް ނިމި، އަނެއްބައި މަޝްރޫޢުތަށް ހަލުއިކަމާއެކު ނިމުމަކާ ހަމައަށް އައިސްފައިވާއިރު، ރާއްޖޭގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވުމުގައި ސަރުކާރުން އެއްވެސް ވަރަކަށް ފަހަތަށް ޖެހިވަޑައިގަތުން ނެތްކަމަށެވެ.

ސަރުކާރުން މިޤައުމުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަނީ ޕްލޭންކުރެވިގެން ނޫންކަމަށް ބުނެ، ބައެއް ފަރާތްތަކުން ޚަބަރުފެތުރި ނަމަވެސް ހުރިހާ ބޮޑެތި ބިޔަ މަޝްރޫޢުތަކަކީ، ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގަވާ، ތަރައްޤީގެ ސްޓްރެޓިޖީކް މަޝްރޫޢުތަކެއްކަމަށް މިނިސްޓަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

img:http://s2.psmnews.mv/images/660x400/14719574366716.jpg|މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު -ފޮޓޯ: މަޖިލިސް

މިޕްރޮގްރާމްގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވީ ރައްޔިތުން ސަރުކާރު ބަދަލުކުރަން ނުވަތަ ސަރުކާރާމެދު ނުރުހިގެން ނޫޅޭ ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސަކަތްކުރަނީ ރައްޔިތުންގެ ޙައްޤުގައިކަމަށް ބުނެ، އެފަރާތްތަކުގެ ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށްކަމަށެވެ. ރިފާޢު އިތުރަށް ވިދާޅުވީ، އެފަދަ މަސަކަތް ކުރަނީ ރާއްޖެއަށް ގެއްލުންދޭން ބޭނުންވާ، އަދި ރާއްޖޭގައި އެހެން ދީނެއް ގެންނަން މަސަކަތްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކާ ގުޅިގެންކަމަށެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން ހައުސިންގ މިނިސްޓަރ މުޢިއްޒާއި، މަޖިލިސް މެންބަރު ޢަބްދުﷲ ރިފާއުގެވެސް ވާހަކަފުޅުގައި ރާއްޖެއިން ބޭރުގައި ތިބެ ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތް އެ ކުރަނީ، އެކި ކަންކަމުގައި ފެއިލްވެފައި ތިބި މީހުންކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެނބުރިލިއޔަސް އެއިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހެޔޮ އެދިވަޑައިނުގަންނަވާނެކަމަށްވެސް ވިދާޅުވިއެވެ.