މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކްގެ ޚިދުމަތްތައް ފަށައިފިއެވެ. ކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މިހާރު އެ ސެންޓަރުން ފޯރުކޮށްދޭނެއެވެ.
މި ކްލިނިކުން ކުޑަކުދިންގެ ޞިއްޙަތާ ގުޅުންހުރި މުހިންމު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިޓަމިން އޭ އަދި ފަނި ބޭސް ދިނުމުގެ ޚިދުމަތް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 15:30 އަށް ލިބޭނެއެވެ. އަދި ކުދިންގެ ހެދިބޮޑުވުން ބެލުމަށްޓަކައި ކުރިއަށްގެންދާ ގްރޯތު މޮނިޓަރިންގ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް ލިބޭނެއެވެ.
ކުޑަކުދިންގެ ވެކްސިން ދިނުމުގެ އިންތިޒާމުތައްވެސް މި ސެންޓަރުގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޗައިލްޑް ވެކްސިނޭޝަން ޚިދުމަތް އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 08:30 އިން ހަވީރު 15:30 އަށް ދިނުމަށް ހަމަޖެހިފައިވާއިރު، ހޯމަ އަދި ބުރާސްފަތި ދުވަހު މި ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.
މީގެ އިތުރުން، ތުއްތުކުދިންނާއި ކުޑަކުދިންނަށް ކާން ދިނުމާ ގުޅޭ އިންފޭންޓް އެންޑް ޔަންގް ޗައިލްޑް ފީޑިން ކައުންސެލިންގވެސް މި ސެންޓަރުން ލިބޭނެ އިންތިޒާމުތައް ހަަމަޖެހިފައިވާއިރު، އެޕޮއިންމެންޓް ހައްދައިގެން ދަތުރުތައް ކުރައްވާ ފަރާތްތަކަށް ވެކްސިން ޖަހާދިނުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
We are pleased to announce that Child Health Clinic services are now available at Urban Primary Health Care Centre, Maafannu - from 28th December 2025.
— IGMH (@igmhmv) December 27, 2025
Please read further for more information. pic.twitter.com/tFTSOmQlr7
ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުގެ ހުޅުވައިފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
މި ސެންޓަރުގެ ޚިދުމަތްތައް މައިގަނޑު ގޮތެއްގައި ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި، ފަސޭހަކަމާއެކު ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމުތައްވެސް މި މަރުކަޒުން ފޯރުކޮށްދެއެވެ.
ބަލިތަކުން ރައްކާތެރިވުމާއި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ އެކި ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މިއީ ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.