މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލޭ ސްވިމިންގ ޕޫލްގައި ފަށާފައިވާ 4 ވަނަ ގައުމީ ފެތުމުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމުތަކުން ވާދަކުރި ގައުމީ ފެތުމުގެ މުބާރާތެވެ. މިމުބާރާތުގެ ޓީމު އިވެންޓުތަކުގައި 18 ޓީމަކުން ވާދަކުރަމުން އަންނައިރު އިންޑިވިޖުއަލް ކެޓަގަރީގައި 157 އެތުލީޓަކު ބައިވެރިވެފަވެއެވެ.
މިމުބާރާތަކީ ގިނަ އެތުލީޓުންތަކެއްގެ އުންމީދުތަކާ ގުޅިފަވާ މުބާރާތަކަށްވާއިރު ގައުމީ ފެތުމުގެ މުބާރާތަށް ކުރިއާލާ އެތުލީޓުން ތައްޔާރުވާކަން ފާހަގަކުރެވެއެވެ. މިމުބާރާތުގައި ވާދަކުރެވެނީ ކޮންމެ އިވެންޓެއްގެވެސް ކޮލިފިކޭޝަން ޓައިމް ވަކި ވަރަކަށް ހަމަކޮށްފައިވާ އެތުލީޓުންނަށްކަމަށްވާއިރު މިއަހަރުގެ މުބާރާތުންވެސް ފެނިގެންދަނީ ފޮނި އުންމީދުތަކަކާއިއެކު މުބާރާތަށް ކުރިމަތިލާފައިވާ ޒުވާން މޫނުތަކެކެވެ.
މިގޮތުން މީގެ ކުރިންވެސް ގައުމީ މުބާރާތުން ފުރުސަތު ހޯދާފައިވާ އާއިޝާ އިޝާ މުހަންމަދު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ބުނެފަވަނީ މިއަހަރުގެ މުބާރާތާވެސް ކުރިމަތިލީ ފޮނި އުންމީދުތަކާއި އެކުކަމަށެވެ. އޭނާގެ މިއަހަރުގެ އުންމީދަކީ މިމުބާރާތުގައި ވާދަކޮށް ރަނގަޅު ނަތީޖާއަކާއިއެކު ގައުމީ ޓީމުން ފުރުސަތު ހޯދުންކަމަށް އޭނާ ބުންޏެވެ.
"ޓާގެޓަކީ ނެޝަނަލް ޓީމަށް އެރޭތޯ ބެލުން. ވަން މަންތު ވެއްޖެ ނެޝަނަލް ފަރިތަކުރާތާ. މިކަހަލަ މުބާރާތްތަކަކީ އެތުލީޓުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް" އިޝާ ބުންޏެވެ.
މޫދު މާލިމީ ސްވިމިން ޓީމުގެ އެތުލީޓެއްކަމަށްވާ އަލްފީ ސަމާހް ހަލީމްވެސް ވަނީ އޭނާގެ އުންމީދުތައް ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ. މިމުބާރާތުގައި ވާދަކުރުމަށް އަލްފީ ތައްޔާރުވެފަވަނީ އެންމެ ދެ ހަފްތާއިންކަމަށްވިޔަސް މިއަހަރުގެ މުބާރާތުގައި ވާދަކޮށް ކުރީގެ ޓައިމިންއަށް ވުރެ އަވަހަށް ނިންމާ ޕީބީ ހެދުމަކީ އޭނާގެ އަމާޒެކެވެ.
"އަހަރެންގެ ޓާގެޓަކީ ކުރިން ހުރި ޓައިމްތަކަށްވުރެ ބާރަށް ފެތުން. އަލްފީއަކީ ގަވާއިދުން ކޮންމެ މުބާރާތެއްގައި ބައިވެރިވާ ކުއްޖެއް" އަލްފީ ބުންޏެވެ.
ގައުމީ ފެތުމުގެ މުބާރާތުގައި މީގެ ކުރިންވެސް ވާދަކުރަމުން އަންނަ ދާލިޔާ މިއަހަރުގެ މުބާރާތާއި ކުރިމަތިލާފަވަނީ މެޑައްޔަކަށް އަމާޒުކޮށްގެންކަމަށާއި ޕީބީ ހެދުމަކީ އޭނާގެ އުންމީދުކަމަށް ދާލިޔާ ބުނެފަވެއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން މެޑަލްއެއް ހޯދަން އަދި ޕީބީއެއް ލިބެން، ޕާސަނަލް ބެސްޓު" ދާލިޔާ ބުންޏެވެ.
އެހެން އެތުލީޓުންނާއި ޚިލާފަށް މުހަންމަދު މީކައިލް ބިން ޢަބްދުﷲ ގެ މިމުބާރާތުގެ އަމާޒު ތަފާތެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން އޭނާ ބުނެފަވަނީ މިމުބާރާތުގައި ވާދަކުރީ ތަޖުރިބާ ހޯދުމަށްކަމަށާއި މިއަހަރު ވަކި ވަނައަކަށް އަމާޒުކޮށްފައި ނެތްކަމަށެވެ.
"އަޅުގަނޑުމެން މިމުބާރާތުގައި ބައިވެރިވީ އެކްސްޕީރިއަންސެއް ގޮތުގައި ހުރިހާ ކުދިންވެސް. ވަކި ވަނައެއް ހޯދާކަށް ނޫން. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެސްޓު ޖަހައިގެން ރަނގަޅު އެކްސްޕީރިއަންސެއް ލިބޭތޯ ބަލަން ހުރިހާ ކުދިންވެސް މި ފަތަނީ" ބްރެސްޓް ސްޓްރޯކް، ބެކް ސްޓްރޯކް އަދި ފްރީ އިވެންޓުގައި ވާދަކުރާ އެތުލީޓު ބުނެފަވެއެވެ.
މޯލްޑިވްސް ލައިފް ގާޑު އެސޯސިއޭޝަން ތަމްސީލުކުރަމުން އަންނަ ޒުކައިން ޢަބްދުﷲ ހަނީފަކީ މިމުބާރާތުގައި މީގެ ކުރިންވެސް ބައިވެރިވެ ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ އެތުލީޓެކެވެ. ޒުކައިންވެސް ބުނެފަވަނީ މިއަހަރުގެ މުބާރާތުގައި ޕީބީއެއް ހެދުމަކީ އަމާޒުކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުގެ ޓާގެޓަކީ އަޅުގަނޑު ކުރިންޖަހާފަ ހުރި ޓައިމިންއަށްވުރެ ބާރަށް ކޮންމެ ބުރަކު ޖެހޭތޯ" މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޖޫނިއާ ބައިން އެއްވަނަ ހޯދި އެތުލީޓު ބުންޏެވެ.
ގައުމީ ފެތުމުގެ މުބާރާތުގެ އީއޭޑީ ކެޓަގަރީގައި ވާދަކުރާ އާދަމް އަލޫފް އަހުމަދަކީ ސްރީލަންކާގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ. މުޅިން އަލަށް ގައުމީ މުބާރާތުގައި މިއަހަރު އޭނާ ބައިވެރިވެފައިވާއިރު އަލޫފް ބުނީ މީގެ ކުރިން ލަންކާގައި ކުރިއަށް ދިޔަ މުބާރާތްތަކުގައިވެސް ފަތާފަވާނެކަމަށާއި އެކަމަކު ގައުމީ މުބާރާތުން ކުރެވެމުންދާ ތަޖުރިބާ މާ ރަނގަޅުކަމަށެވެ.
"ޓާގެޓަކީ މިތާނގަ މެޑަލެއް ލިބުން. ދުބާއީގެ އަހަރުމެން ޓީމު ބޮޑު އެކޮމްޕްލިޝްމެންޓައް ހަދައިގެން މިކޮޅުގައި އަނެއްކާ މެޑަލެއް ލިބެން ބަލަން މިއުޅެނީ. ރާއްޖެ މުބާރާތަށް އަލަށް އާދެވުނީމަ ވަރަށް އުފާވޭ. ލަންކާ މުބާރާތްތައް ވަރަށް ތަފާތު. ޕޫލްވެސް އެކޮޅުގަ ވަރަށް ތަފާތު. ލަންކާ މުބާރާތަށް ބަލާފަ މިގައުމުގެ ސިޗުއޭޝަން މާ ރަނގަޅު" މިމަހުގެ ކުރީކޮޅު އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ރާއްޖެ ތަމްސީލުކޮށްދީފައިވާ އެތުލީޓު ބުންޏެވެ.
މިމުބާރާތުގެ ސީނިއާ ކެޓަގަރީގައި ވާދަކުރާ މާޒިޔާގެ ފެތުންތެރިޔާ މަކީން އަހުމަދު ޝަކީބުއާއި އެކު އިތުރު 6 ކުއްޖަކު މިކެޓަގަރީގައި މާޒިޔާއިން ވާދަކުރަމުން އަންނައިރު އޭނާ ބުނީ އޭނާގެ އަމާޒަކީ ވަނައެއް ހޯދުންކަމަށެވެ. އަދި އޭނާ ތަމްސީލުކުރަމުންދާ ކުލަބަށް ރީތި ނަމެއް ހޯދައިދިނުމަކީ އޭނާ ކުރާ އުންމީދެއްކަމަށް މަކީން ބުނެފަވެއެވެ.
"ވަނައެއް ހޯދާ، ކުލަބަށް ނަމެއް ހޯދަދީ، މާޒިޔާ އަދި ނިއުލެގޫންސް ޕްރޮމޯޓްކުރުން" މަކީން ބުންޏެވެ.
ގިނަ އަދަދެއްގެ ފެތުންތެރިން ވާދަކުރާ 49 ވަނަ ގައުމީ ފެތުމުގެ މުބާރާތް ކުރިއަށްދާނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ސްވިމިން ޕޫލްގައެވެ.