ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީ ވަޒަންވެރިން ދިރިއުޅުމަށް 19 އައު ސަރަޙައްދެއް ކަނޑައެޅުމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ވިލާތުގެ އިއްތިޙާދު ހިމެނޭ ގޮތަށް ގިނަ ޤައުމުތަކަކުން ގޮވާލައިފިއެވެ.
އިނގިރޭސިވިލާތް، ބެލްޖިއަމް، ޑެންމާކް، ފަރަންސޭސިވިލާތް، އިޓަލީވިލާތް، އައިސްލެންޑް، އަޔަރލެންޑް، ޖަޕާން، މޯލްޓާ، ނެދަރލެންޑްސް، ނޯވޭ އަދި ސްޕެއިނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ، ޔަހޫދީންގެ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ބާޠިލުކޮށް، ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން އިތުރުކުރުމުގެ ވިސްނުން ދޫކޮށްލުމަށް ގޮވާލައިފައެވެ.
އަދި މިކަމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން މިހާރު ވެސް ހުޅަނގު އައްސޭރީގައި އޮތް ނުތަނަވަސްކަމުގެ ޙާލަތު އިތުރަށް ގޯސްވެ، ބޮޑެތި ހަމަނުޖެހުންތައް ހިނގުމަށް ފުރުޞަތު ލިބިގެންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި އަވަށްތައް ހަދައި މީހުން ވަޒަންވެރިވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކުށެކެވެ. ނަމަވެސް 2022ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި 51،000އަށް ވުރެ ގިނަ ގެ އެޅުމުގެ ޙުއްދަ ޔަހޫދީ ސަރުކާރުން ދީފައިވެއެވެ. އެއާއެކު އެ ސަހަރުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަން ދަނީ އިތުރުވަމުންނެވެ.
ހުޅަނގު އައްސޭރީގައި އިތުރު ގެތައް އެޅުމަށް ޔަހޫދީން ޙުއްދަ ދީފައި މި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ވަޒަންވެރިން ދޭ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.