ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި އަލަށް އޮޑިއާއި ގުޅުނު ޒުވާން ކުޅުންތެރިން ދައްކަމުންދަނީ ހީވެސްނުކުރާ ފަދަ ރަނގަޅު ކުޅުމެއްކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.
މިދިޔަ ހަފްތާގެ ހުކުރުދުވަހު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް 5-1 ލަނޑުގެ ބޮޑު ފަރަގަކުން ކުރި ހޯދާ ލީގު އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދުގަވާ ފަރަގު، ކުޑަ އޮޑިން ކުޑަކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ކޯޗު ބުނީ ޓީމުގެ ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ.
ދެވަނަ ބުރަށް އޮޑިން ނުކުތީ އެކުލަބުގެ އެކަޑަމީއިން ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެންކަމަށާއި އެކުދިންގެ ފަރާތުން ފެނުނީ ހީވެސް ނުކުރާ ފަދަ ރަނގަޅު ކުޅުމެއްކަމަށް އޭނާ ބުންޏެވެ. މެޗަށް ކުރިމަތިލި އިރު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރިކަން ފާހަގަކުރަމުން ކޯޗު ބުނީ ބައެއް ކުޅުންތެރިން އަނިޔާގައި ތިބުމާއި ސަސްޕެންޝަނުގައި ތިބުމުގެ އިތުރުން އަލަށް ޓީމާއި ގުޅުނު ޒުވާން ކުޅުންތެރިން އަދި ރަނގަޅަށް ޓީމަށް ނުހޭނޭކަމަށެވެ. އެހެންނަމަވެސް އެ ދަތިތަކާއެކުވެސް ޓީމުން ދެއްކި ކުޅުމަށް ކޯޗު ވަނީ ތައުރީފުކޮށްފައެވެ.
"މެޗަށް ނުކުތް އިރުވެސް ދަތިތަކެއް ހުރި. ބައެއް ކުޅުންތެރިންނަކީ މުޅިން އަލަށް ގުޅުނު ވަރަށް ޒުވާން ކުޅުންތެރިން. ބައެއް ކުޅުންތެރިން ތިބީ އަނިޔާގައި އޭގެ އިތުރުން ސަސްޕެންޝަނުގެ މައްސަލަވެސް ޓީމަށްވަނި ދިމާވެފަ. އެހެންނަމަވެސް މިއަދުގެ މެޗުގައި ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް" ކޯޗު ބުންޏެވެ.
ކޯޗު ބުނީ އަލަށް ޓީމާއި ގުޅުނު ކުޅުންތެރިންނަކީ އުމުރުން ހަގު ހުނަރުވެރި ކުދިންތަކެއްކަމަށެވެ. އޭގެ ތެރޭގައި އެންމެ 14 އަހަރުގެ ކުއްޖަކުވެސް ޓީމާއި ގުޅިފައިވާކަން ކޯޗު ފާހަގަކުރިއެވެ.
ލީގުގައި ކުރިއަށް ހުރި މެޗުތަކަކީ ފައިނަލު މެޗުތަކެއްކަމަށް ސިފަކުރަމުން ކޯޗު ބުނީ އުންމީދަކީ އަނިޔާގެ ސަބަބުންނާއި ސަސްޕެންޝަނުގެ ސަބަބުން ކުޅުމާއި ދުރުގަ ތިބި ކުޅުންތެރިންނަށްވެސް ވީހާވެސް އަވަހަކަށް ޓީމާއި ގުޅުމުގެ ފުރުސަތު ލިބުންކަމަށެވެ.
"ކުރިއަށް ހުރި މެޗުތަކަކީ ފައިނަލު މެޗުތަކެއް ފަދަ މެޗުތަކެއް. އުންމީދަކީ ކުޅުންތެރިން އަލުން ޓީމާއި ގުޅުން. އޭރުން މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އޮޑި ދާނީ ކުރިއަށް" ގާސިއާ ބުންޏެވެ.
ލީގުގަ ހުކުރުދުވަހުގެރޭ ކުލަބު އީގަލްސްއާއި ވާދަކުރަން އޮޑިން ތައްޔާރުވަމުން އަންނައިރު އެމެޗަކީ ވަރުގަދަ މެޗަކަށް ވާނެކަމަށް ކޯޗު ބުނެފަވެއެވެ. 13 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގަ އޮތް އީގަލްސްއަކީ އާދައިގެ ޓީމެއް ނޫންކަން ފާހަގަކުރަމުން ކޯޗު ބުނީ އެމެޗަށް ނުކުންނާނީ އެކަން ދަނެގެން ފަހު ވަގުތަށްވެސް ހިތްވަރު ކުރުމުގެ އަޒުމުގައިކަމަށެވެ.