ތަރައްްޤީ

ޢިމާރާތްތަކުން މޫދަށް ފެން ބޭރުކުރަން އައު ނިޒާމެއް ޤާއިމްކުރަނީ


މާލޭގައި ހަދަމުންދާ ޢިމާރާތްތަކުގެ ސައިޓްތައް ކޮނެ، ޑީ-ވޯޓަރިންގ ނުވަތަ މޫދަށް ފެން ބޭރު ކުރުމަށް މިހާރު ހަމަޖެހިފައި އޮތީ، ހިނގާ ބިނގާވެ އުޅޭ މީހުންނާއި، ދުއްވާ އެއްޗިއްސަށް ގިނަ ދަތިތަކަކާއި ކުރިމަތިވާ ފަދަ އިންތިޒާމްތަކެއްކަން ފާހަގަކުރެވެއެވެ. އެފަދަ ސައިޓްތަކުން މޫދަށް ފެން ބޭރުކުރުމަށް އަޅާފައިވާ ހޮޅިތައް ވަޅުލުމަށް މަގުތައް ކޮނުމާއި، ބައެއް ފަހަރު ހޮޅިތައް ފަޅައިގެން ދިޔުން މިއީ ގިނަ ބަޔަކަށް މިކަމުގެ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ މައްސަލައެކެވެ. އަދި، މިހޮޅިތަކާއި ގުޅިގެން ބައެއް އެކްސިޑެންޓްތައްވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ. ބައެއް ފަހަރު ހޮޅި ފަޅައިގެން ގޮސް، އަދި ހޮޅި އެޅުމަށް މަގުތައް ކޮނުމުގެ ސަބަބުން، ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިވެ، ބައެއް ފަހަރު އެކްސިޑެންޓް ފަދަ ހާދިސާތައް ހިނގާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ދެން އިތުރަށް މިގޮތަށް ފެން ބޭރުކުރުމަށް މިހާރު ހަމަޖެހިފައި އޮންނަނީ މީގެ 33 އަހަރުކުރިން މާލޭގައި ހެދިފައިވާ ސުވަރޭޖް ނެޓްވޯކްގެ ތެރެއިންކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމެޕެނީ އެމް.ޑަބްލިޔު.އެސް.ސީން މައުލޫމާތުދެއްވައެވެ. ޑީވޯޓަރިންގ ނިޒާމުގެ އިތުރުން ނަރުދަމާގެ ނިޒާމުގައިވެސް ބައެއް ކަހަލަ މައްސަލަތައް މިހާރުދަނީ ފެންމަތިވަމުންނެވެ. އެގޮތުން ވިއްސާރަވެހި މަގުތަކުގައި ފެން ބޮޑުވާއިރު، މަގުތަކަށް ނަޖިސްއެރުމުގެ މައްސަލަވެސް މިހާރުދަނީ ކުރިމަތިވަމުންނެވެ.

img:http://s3.psmnews.mv/images/660x400/14729995681939.jpg|މާލޭގެ ޑީވޯޓަރިންގ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހައުސިންގެ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު

މިކަމަށް ހައްލެއް ގެނެސް މިދެނިޒާމު އެކަށީގެންވާ ގޮތުގައި ހަރުދަނާކޮށް، ތަރައްގީކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފައްޓަވާފައެވެ. އެގޮތުން، ޑީވޯޓަރިން ނިޒާމް ހަރުދަނާ ކުރުމަށް ރަނގަޅު ނެޓްވޯކެއް އަޅައި މާލޭ ހުޅަނގުފަރާތުން، ވެސްޓް ޕާކް ސަރަޙައްދާއި، އައިޖީއެމް.އެޗް ހިމެނޭ ސަރަހައްދާ ދިމާލުން މޫދައް އަޅާފައިވާ ދެ ސީއައުޓްފޯލް، އަލަށް ތަރައްގީކުރެވިގެންދާ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިވަނީ، އެކުންފުންނާއި، ހައުސިންގ މިނިސްޓްރީއި ދެމެދު ސޮއިކުރައްވާފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ޕަމްޕް ސްޓޭޝަން އެޅުމަށް އަލަށް ތަރައްގީކުރައްވާ އިންޑަސްޓްރިއަލް ވިލެޖުން އެމް.ޑަޕްލިއު.އެސް.ސީއާއި މިވަނީ ބިންވެސް ހަވާލުކުރައްވާފައެވެ. މިމަޝްރޫޢު ހިންގަވަނީ ސަރުކާރުން އެއްވެސް ޚަރަދެއް ކުރައްވަންނުޖެހޭގޮތަށް ސީދާ އެމް.ޑަބްލިޔު.އެސް.ސީގެ ޚަރަދުގައެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިޒް ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން އެކަށީގެންވާ ވަރުގެ ވަރުގަދަ ނެޓްވޯކަކާއި، ޕަމްޕް ސްޓޭޝަނެއް ގާއިމް ކުރެވިގެންދާނެކަމަށެވެ. އަދި މިފަދަ ނިޒާމެއް ތަރައްގީކުރެވިގެންދިއުމުން އާންމުންނަށާއި، އިމާރާތް ކުރުމުގެ ދާއިރާގައި މަސަކަތްކުރައްވާ ފަރާތްތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ މުޢިޒް ވަނީ ފާހަގަކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14729994955829.jpg|މާލޭގެ ޑީވޯޓަރިންގ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހައުސިންގެ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ

"ހުޅަނގުފަރާތުގައި މިއޮތް ސީއަޓްފޯލްތައް އިންޑަސްޓްރިއަލް ވިލެޖްގެ ތެރެއިން އެޅިގެންދާ ހޮޅިއަކުން އެތަނަށް ބަދަލުވެގެން ދިޔުމުން، މިކަމާގުޅިގެން ބައެއް ބޭފުޅުންގެ ހުރިކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ. އަދި އެމް.ޑަޕްލިއު.އެސް.ސީގެ ޚަރަދުގައި މިކަން ކޮށްދެއްވާތީ ޝުކުރުދަންނަވަން. އުންމީދުކުރަނީ މިމަސައްކަތްވެސް ބާރުސްޕީޑްގައި ގެންގޮސް ނިންމަވައިދެއްވާނެކަމަށް." މުޢިއްޒު ވިދާޅުވިއެވެ. 

އެމް.ޑަޕްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖްގައި ވަރުގަދަ ޕަންޕް ސްޓޭޝަނެއް ގާއިމް ކުރެވިގެންދާނެކަމަށާއި، މިހާރު ޑީ،ވޯޓަރ ކުރެވިގެންދަނީ ސުވަރޭޖް ނެޓްވޯކްގެ ތެރެއަށްކަމުން، މިޕަންޕް ސްޓޭޝަން މެދުވެރިކޮށް ކުރިއަށްއޮތްތަނުގެ މާލޭގެ ޑީވޯޓަރިންގ ނިޒާމާއި ސުވަރ ނެޓްވޯކް ހަރުދަނާ ކުރެވިގެންދާނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/14729995463478.jpg|މާލޭގެ ޑީވޯޓަރިންގ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވާހަކަފުޅުދައްކަވަނީ

"އިންޑަސްޓްރިއަލް ވިލެޖަށް އަޅުގަނޑުމެންގެ ތިން ޕަންޕް ސްޓޭޝަނެއްގެ ލައިން ރީރޫޓް ކުރަންވަނީ ހަމަޖެހިފައި. މިހާހިސާބައްއައި އިރު އެމް.ޑަބްލިއު.އެސް.ސީގެ ޑިވޮލޮޕްމެންޓް ޕްލޭނުގެ ތެރެއިން މިފެށުނީ، އެންމެ ފަހުގެ މަރުހަލާކަން ފާހަގަކޮށްލަން" ފަޒުލް ވިދާޅުވިއެވެ. 

މިމަޝްރޫޢުގެ މަސައްކަތް އިސްކަމެއް ދެއްވައިގެން އަވަސް ސްޕީޑުގައި ކުންފުނީގެ މުވައްޒަފުން ކުރިއަށްގެންދަވާނެކަމަށާއި، ގާތްގަނޑަކަށް 8 މަސްދުވަހުގެ ތެރޭގައި ހައްލަކާއި ހަމައަށް ވާސިލުވެވޭނެކަމަށް އެމް.ޑަބްލިއު.އެސް.ސީން މަޢުލޫމާތުދެއްވައެވެ.