ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި


  • މިދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް އެޕާޓްމަންޓަކުން

  • އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވޭ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެންނެވެ.

މި ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލި / ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ / މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ) އެވެ. މި ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކި 32.6 ގުރާމު ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.