ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާއި، އެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް ކުރެވިދާނެ ކަންކަމާއި، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތައް ހިމެނެއެވެ. އަދި ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުން، އެ އެސޯސިއޭޝަނުގެ ޚިޔާލުތައް ރައީސާ ވަނީ ހިއްސާކޮށްފައެވެ.
މީގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުންވެސް ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދެއްވުމަށް ސަރުކާރުން ވިސްނަވާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ޙައްލު ކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.