2011ވަނަ އަހަރުގެ ތެރޭގައި ޖަޕާނަށް ބާރުގަދަ ބިންހެލުމެެއް އައިސް އުފެދުނު ސުނާމީގެ ސަބަބުން ފުކުޝިމާގެ ނިއުކްލިޔަރ މަރުކަޒުން ރޭޑިޔޯއެކްޓިވް މާއްދާތައް ވައިގެ ތެރެއަށް ބޭރުވެ، ބޮޑެތި ގޮވުންތައް ގޮވުމުގެ 15 އަހަރު ފަހުން، ދުނިޔޭގެ އެންމެ ބޮޑު ނިޔުކްލިޔަރ މަރުކަޒު އެ ޤައުމުގައި އަލުން ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ފުކުޝިމާ ކާރިޘާއަށް ފަހު އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ސަރަޙައްދުތަކަށް ބަދަލުކޮށް، އެ ޤައުމުގެ 54 ނިއުކްލިޔަރ ރިއެކްޓަރު ވަނީ އެ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަންދުކޮށްފައެވެ. އެ ގޮތުން ޓޯކްޔޯގެ ހުޅަނގު އުތުރުގައި ހުންނަ ކަޝިވަޒަކި ކަރިވާ މަރުކަޒަކީ ވެސް އޭރު ބަންދުކޮށްފައިވާ އެއް މަރުކަޒެވެ. އޭގެ ފަހުން ޖަޕާނުން ވަނީ 33 ރިއެކްޓަރެއް އަލުން ހިންގަން ފަށައިފައެވެ. ކަޝިވަޒަކި ކަރިވާ މަރުކަޒު ވެސް އަލުން ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މިއީ ފުކުޝިމާ މަރުކަޒު ހިންގި ޓޯކްޔޯ އިލެކްޓްރިކް ޕަވަރ ކޯއިން ހިންގާ ނިޔުކްލިޔަރ މަރުކަޒެއް ކާރިޘާއަށް ފަހު ހުޅުވާ ފުރަތަމަ ފަހަރެވެ.
ފުކުޝިމާ ކާރިޘާއަށް ފަހު އަލުން ކަޝިވަޒަކި ކަރިވާ ނިޔުކްލިޔަރ މަރުކަޒު ހުޅުވައިލުމަށް ޖަޕާނުން ނިންމާފައިވާ ނިންމުމުން ދައްކުވައިދެނީ އެ ޤައުމުން އެ ޤައުމުގެ ނިއުކްލިޔަރ ހަކަތައާ ގުޅޭ ދާއިރާ އަލުން އިޢާދަކޮށް ކުރިއަރުވަން މަސައްކަތްކުރަމުންދާ މަސައްކަތެވެ. އެ ޤައުމުން ބުނީ އެ މަސައްކަތަކީ ޤައުމަށް ހަަކަތަ ލިބުން ޔަޤީންކޮށް، ފޮސިލް ތެލުގެ މައްޗަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށާއި ތިމާވެއްޓަށް އޮތް ނުރައްކާއާމެދު އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކުރަމުންނެވެ.