ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ސަރަހައްދަށް ދުން ފުހުގެ އަސަރު ކުރަމުންދާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އިރުވައި މޫސުން ފެށުމާއިއެކު ރާއްޖޭގެ ސަރަހައްދުތަކަށް ހާއްސަކޮށް މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާ ކަމަށެވެ. އަދި ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ރެކޯޑުތަކަށް ބަލާއިރު މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހޯމަ ދުވަހު ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު 2 ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް އެއިދާރައިން ވިދާޅުވިއެވެ.
އެއިދާރައިން ވަނީ ކުރިއަށް އޮތް 5 ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެ މަތީ ހުންނާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އުތުރާއި މެދު ރާއްޖެތެރެއަށް ކަމަށް އެއިދާރައިން ވިދާޅުވެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަހައްދަށް ކުރާނެ ކަމަށް ލަފާކުރެވޭނެތީ މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ސަރަހައްދަށް ދުންފުހުގެ އަސަރު ކުރާމުންދާތީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ސިއްޙީ ގޮތުން ނާޒުކު ފަރާތްތައް ބޭރުގައި ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައި ނުސާފު މިންވަރު އިތުރުވާ ގަޑިތަކުގައި ހުރިހާ ފަރާތްތަކުންވެސް މާސްކް ބޭނުންކުރުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ.