ޚަބަރު

ޑްރަގްގެ ފަރުވާދެމުން އަންނަ މީހުނާއި ކުދިންނަށް ވަޒީފާ ފުރުޞަތު


ރާއްޖޭގެ އެކި މަރުކަޒުތަކުގައި ޑްރަގްގެ ފަރުވާ ދެމުން އަންނަ މީހުންނާއި ކުދިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހަމަޖެއްސެވިކަން އިޢުލާންކުރެއްވީ މީގެ ކުޑައިރުކޮޅެއް ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ސޯޝަލް ކައުންސިލްގެ ޕްރެސް ކޮންފަރެންސްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދު ވިދާޅުވި ގޮތުގައި ސޯޝަލް ކައުންސިލްގެ މެންބަރުން، ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާދޭ އެކި ޢުމުރުގެ މީހުންގެ ކަންކަން ބަލަހައްޓަވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށާއި ހާފްވޭ ހައުސްއަށާއި އަދި ކޮމިޔުނިޓީ ސެންޓަރުތަކަށް ވަނީ ޒިޔާރަތްކުރައްވައި އެތަންތާނގައި ތިބި މީހުންނާއި ކުދިންގެ އަޑުއައްސަވައި، ކަންތައްތައް ހިނގަމުން އަންނަ ގޮތް ބައްލަވައިލައްވާފައި ކަމަށެވެ. އެތަންތާނގެ އިންތިޒާމްތައް ހުރީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ހުރިހާ ކުދިންގެވެސް އެދުމަކަށްވެސްވީ ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދެއްވުން ކަމަށެވެ. އަދި އެ އެދުން ބަލައިގަންނަވައި އެކަމަށް ކުރައްވަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރިޔަށް ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދު ﷲ ޖިހާދު ހާމަކުރެއްވިއެވެ.

ސޯޝަލް ކައުންސިލްގެ ފަރާތުން މިހާރު ވަނީ، ރާއްޖޭގައި ވަޒީފާގެ ފުރުޞަތު ތަނަވަސް ކުރެވިދާނެ އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަކޮށް މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ ޖަމްޢިއްޔާ މަޓީއާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަމްސީލްކުރާ ޖަމްޢިއްޔާ މަސީއާވެސް ވަނީ ބައްދަލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ ފަރާތްތަކާއެކު ދެއްކެވި ވާހަކަފުޅުތަކުންވެސް، ލިބިވަޑައިގެންނެވީ އީޖާބީ ޖަވާބެއްކަން ފާހަގަކުރައްވައި، ޑްރަގް ރިހިބިޓޭޝަންގެ މަރުޙަލާގައި ތިބި މީހުންނާއި ކުދިންނަށް ވަޒީފާގެ ފުރުޞަތު ވަރަށް އަވަހަށް ހަމަޖައްސަވައިދެއްވަން ސަރުކާރުން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ވަޒީފާދޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ފޯމްގައި، ޑްރަގްގެ މައްސަލަތަކާއި ގުޅުންހުރި ފަރާތްތަކަށް އޮންނަ ހުރަސްތައްވެސް ނައްތަވާލައްވަން ސަރުކާރުން ނިންމަވާފައިކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހާމަކުރައްވާފައިވެއެވެ. އަދި ވަޒީފާ ހަމަޖައްސަވާނީ ކަނޑައެޅޭ މިންގަނޑެއްގައި ތިބޭ އަދި ކަނޑައެޅޭ ޝަރުޠުތަކެއް ހަމަވާ މީހުންނަށް ކަމަށްވެސް ހާމަކުރެއްވިއެވެ.

ވަޒީފާއަށް ފުރަތަމަ ނެރުއްވާނީ މަދުގަޑިތަކަށް އަދި މަސައްކަތްކުރާ ގަޑިއަށް އުޖޫރަދެވޭ ގޮތަށް ކަމަށާއި ފަހުން ވަގުތު އިތުރުކުރައްވައި ނަތީޖައަށް ބައްލަވައި ދާއިމީ ވަޒީފާވެސް ހަމަޖެހިގެންދާނެ ކަމަށް ސޯޝަލް ކައުންސިލުން ހާމަކުރެއްވިއެވެ.