ޚަބަރު

މުޙްޔިއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަހީބާ ހޮވިއްޖެ


ފާއިތުވި ދެހާސް ފަނަރަވަނަ އަހަރު މުޙްޔިއްދީން ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް ދިހައެއް ބީގެ ދަރިވަރު ޢާއިޝަތު ޝަހީބާ ހޮވިއްޖެއެވެ.

ޝަހީބާއަށް އެވޯޑު ޙަވާލުކޮށްފައިވަނީ މުޙްޔިއްދީން ސްކޫލްގެ އިނާމު ދިނުމަށް އެސްކޫލްގައި ރޭ ބޭއްވި ޙަފްލާގައެވެ. މުޙްޔިއްދީން ސްކޫލްގައި ރޭ ބޭއްވެވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެސްކޫލްގެ ގްރޭޑް 8، 9 އަދި 10 ން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އެވޯޑާ ތަށި ޙަވާލުކޮށްފައިވެއެވެ. އެ ސްކޫލްގެ ފާއިތުވި އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އެސްކޫލްގެ ގްރޭޑް 10-B ގެ ދަރިވަރު ޢާއިޝަތު ޝަހީބާއެވެ. އޭނާޔަށް އެވޯޑު ޙަވާލުކޮށްދެއްވީ މި ޖަލްސާގެ ޝަރަފުވެރި މެހުމާނު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެގެޓިވް ޑރ. އަޙުމަދު ރިޔާޒެވެ.

މިޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެގެޓިވް ޑރ. އަޙުމަދު ރިޔާޒް ވިދާޅުވީ، ކޮންމެ ކުއްޖަކީ ޢިލްމު އުނގެނުމުގެ ޤާބިލްކަން ހުރި ކުއްޖެއް ކަމަށާއި އެ އަމާޒަށް ވާޞިލްވުމަށް ދަރިވަރުން ލަނޑުދަނޑިތަކެއް އެކަށަހަޅަންޖެހޭ ކަމަށެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި، ޚާއްސަކޮށް ބެލެނިވެރިންގެ މެދުގައި އެއްކުއްޖަކު އަނެއް ކުއްޖަކު އަޅާ ކިޔުމުގެ ރޫޙު ވަރަށް ބޮޑަށް އަށަގަނެފައިވާ ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވެ، ޑރ. ރިޔާޒް އެކަން ފާހަގަކުރެއްވިއެވެ.

''މުޖުތަމަޢުގެ ތެރޭގައި އެއް ކުއްޖަކު އަނެއް ކުއްޖަކު އަޅާ ކިޔުމުގެ ރޫޙު ވަރަށް ބޮޑަށް އެބައޮތް. އެއީ އެކަން ކޮށްގެންވާނެ ގޮތެއް ނޫން. އަވަށްޓެރިޔާގެ ކުއްޖާއަކީ ދަށް ކުއްޖެކޭ. ނޫނީ މޮޅު ކުއްޖެކޭ. އެހެން ބުނީމަވެސް ކުއްޖާގެ ސެލްފް ކޮންފިޑެންސް އެބަ ދަށްވޭ.'' ޑރ. އަޙުމަދު ރިޔާޒް ވިދާޅުވިއެވެ.

ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހިއްޔުއްދީން ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ދެއްކެވި ވާހަކަގައި، އެސްކޫލްގެ ދަރިވަރުން އަހަރުން އަހަރަށް ރަނގަޅު ވަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ. ޕްރިންސިޕަލްގެ ވާހަކަގައި، ދަރިވަރުން ހޯދާ ނަތީޖާއާ އެއްވަރަށް ކުދިންގެ އަޚްލާޤަށްވެސް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.

''ވޭތުވެދިޔަ 4 އަހަރާ އަޅާ ބަލާއިރު މިހާރު ގްރޭޑް 8، 9، 10 ގެ ދަރިވަރުންގެ ނަތީޖާ ރަނގަޅުވަމުން އަންނަތަން މި ފެންނެނަނީ. ކުދިންގެ އަޚްލާޤާއި ސްލޫކަށް ފާހަގަކޮށްލެވޭ ހެޔޮ ބަދަލުތަކެއް އަންނަމުންދާ ތަން ފެންނަމުންދަނީ.'' އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އިނާމު ދިނުމުގެ ޖަލްސާގައި، ޖެނެރަލް ޕްރޮފެޝަންސީ އެވޯޑާއި، ކްލާސް ޕްރޮގްރެސް އޮނަލިސްޓެޑް އަދި ސަބްޖެކްޓް ޕްރައިޒް ޙާސިލްކުރި ދަރިވަރުންނަށް އެވޯޑާއި އިނާމު ޙަވާލުކޮށްފައިވެއެވެ. ދަރިވަރުންނަށް އެވޯޑާ އިނާމް ޙަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމާއި، އެ މިނިސްޓްރީގެ އިސްވެރިންނެވެ.