ދުނިޔެ

ތުރުކީވިލާތުގެ ޓޭންކުތައް ސޫރިޔާއަށް ވަދެއްޖެ


ތުރުކީވިލާތުން މިހާރު ސޫރިޔާގައި ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި އެޤައުމުގެ ޓޭންކުތައް ސޫރިޔާއަށް ވަދެއްޖެއެވެ.

ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިއެސްގެ ހަނގުރާމަވެރިން މިސަރަޙައްދަށް މީގެކުރިން ޙަމަލާދީފައިވަނީ ސޫރިޔާ އެތެރެއިން ރޮކެޓް އަދި މިސައިލް ފަދަ ތަކެތިންނެވެ. ތުރުކީވިލާތުގެ އަސްކަރިއްޔާއާއި ގުޅިފައިވާ ފައުޖުތަކުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގައި ސޫރިޔާގެ އެތައް އަވަށްތަކެއް މިހާރު ވަނީ އައިއެސް ބާރުކަނޑުވާލުމަށްފަހު ގުޅިފައިވާ ފައުޖުތަކުގެ ބާރުގެ ދަށަށް ގެނަސްފައެވެ.

ތުރުކީވިލާތުން މިހާރު ސޫރިޔާގައި ފަށާފައިވާ އޮޕަރޭޝަނަކީ ސޫރިޔާގެ ހަނގުރާމައަށް 5 އަހަރު ފުރުނުއިރު ތުރުކީވިލާތުން މިހަނގުރާމައިގައި ބައިވެރިވެ، ސޫރިޔާގެ ތެރެއަށް ވަދެފައިވާ ފުރަތަމަ ފަހަރެވެ. އަންކާރާއިން މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ ޔުފްރޭޓިސް ޝީލްޑެވެ.

ތުރުކީވިލާތުގެ ޓޭންކުތަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ސޫރިޔާގެ އަލް-ރައި އަވަށަށް ވަދެފައެވެ. އަންކާރާއިން ބުނީ ތުރުކީވިލާތުގެ މިއޮޕަރޭޝަނަކީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނާއި ކުރްދީ ނަސްލުގެ ހަނގުރާމަވެރިންގެ ބާރު އެސަރަޙައްދުން ކަނޑުވާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމުގައެވެ.