ޚަބަރު

ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ހުޅުވާލާފައިވަނީ އާއްމުންގެތެރެއިން އައްޔަންކުރާ 2 މެންބަރުންނަށް

  • ޒަކާތު ކައުންސިލްގައި ތިއްބަވާނީ 9 މެންބަރުން

ޒަކާތުގެ ފުރަތަމަ ޤާނޫނުގެ ދަށުން އެކުލަވާލާ ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޒަމާނީ ހަމަތަކާއި އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލި ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ޒަކާތުގެ ޤާނޫނުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި، ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބަޔާންކުރެއެވެ. މި ކައުންސިލްގައި ވަޒީރާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމްލަ 9 މެންބަރުން ތިއްބަވާނެއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ ޒަކާތުގެ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 މެންބަރުން ޒަކާތު ކައުންސިލްގައި ތިބެންވާނެކަމަށް ބަޔާންކޮށްފައިވާތީ، ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާކަަމަށެވެ. އެގޮތުން މިހާރު އިއުލާންކޮށްފައިވަނީ އާންމުގެ ތެރެއިން ޒަކާތު ކައުންސިލަށް ނަގާ ދެ މެންބަރުން ހޯދުމަށްކަމަށް ވިދާޅުވިއެވެ. ޒަކާތު ހައުސްއިން ވިދާޅުވީ ޒަކާތު ކައުންސިލް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ ލަސްވެގެން ޖަނަވަރީމަހުގެ 1 ގެ ކުރިން ކައުންސިލް އެކުލަވާލާނެކަމަށެވެ.

ޒަކާތުގެ މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލް ތަމްސީލުކުރާ ފަރާތްތަކަކީ އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯ އިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތަޢުލީމު ޙާޞިލުކޮށްފައިވާ މީހަކުކަމުގައި ވާން ޖެހޭނެކަމަށް ޒަކާތު ހައުސް އިން ވިދާޅުވިއެވެ. އަދި ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމާއި ކުރިމަތިލާ މީހަކީ ދިވެހި ރައްޔިތެއް ކަމުގައިވާން ޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވަސް ޒަކާތު ހައުސްއިން ވިދާޅުވީ ޒަކާތު ކައިންސިލްއަށް އައްޔަންކުރާ މެންބަރުންގެ މައްސޫލިއްޔަތުގެ ތެރޭގައި މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތުގެމަތިން މި ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ ކަންކަމުގައި ވަޒީރަށް ލަފާ ދިނުމާއި މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޒަކާތު ހައުސްއަށް ލަފާ ދިނުން ހިމެނޭކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ކުރެވެމުންދާކަން ކަށަވަރުކުރުމާއި ޒަކާތާގުޅޭ ކަންކަމުގައި ޝަރުޢީ ގޮތުން ލަފައެއް ހޯދަން ކައުންސިލަށް ފެންނަ ކަންކަމުގައި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފާ ހޯދުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަކާތުގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރެވޭނެ ގޮތްތައް ދިރާސާކުރުމާއި އެފަދަ ދިރާސާތަކުގެ އަލީގައި ޒަކާތުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާމެދު ވަޒީރަށް ލަފާ ދިނުމާއި ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކޮށް ޑިރެކްޓަރ ޖެނެރަލް ޖަވާބުދާރީކުރުވުމުގެ އިތުރުން ޒަކާތު ކައުންސިލުން އަދާކުރަންޖެހޭ އެނޫންވެސް އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން ހިމެނޭނެކަމަށް މޯލްޑިވްސް ޒަކާތު ހައުންސިން ވިދާޅުވިއެވެ. މެންބަރުކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވަނަ ދުވަހުގެ 14:00އެވެ.

ޒަކާތުގެ ޤާާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤުޞަދެކެވެ.