މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދަޢުލަތަށް 1.8 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު، އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދަޢުލަތަށް 3.5 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކުސް ނުވަތަ ފީއެއް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުގައި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދަޢުލަތަށް 1.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަތަށް ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. މިއީ 64 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދަޢުލަތަށް 1.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 1 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 66 އިންސައްތަ އިތުރު އަދަދެކެވެ.
މިއާއެކު، އެއާޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދަޢުލަަތަށް ލިބުނު އާމްދަނީ މިވަނީ 3.5 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އޭޓީއެފްގެ ގޮތުގައި ދައުލަތަށް ލިބުނު 2 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 75 އިންސައްތަ އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.