ޚަބަރު

މާލޭގެ މަގުތަކުން ފެންހިންދުމުގެ މަސައްކަތް ފަށައިފި


  • ފެން ބޮޑުވާ ހުރިހާ ސަރަހައްދެއްގައި އެމްއެންޑީއެފުންވަނީ ޕަންޕް ބަހައްޓާފައި

  • މިވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ އާދިއްތަ ދުވަހު

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ރޭގެ ދަންވަރުން ފެށިގެން ޕަންޕްތައް ބަހައްޓާފައިވާކަމަށެވެ. އަދި ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަންޕް ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެކި ގަޑިތަކުގައި މާލެއަށްވެސް އަންނަނީ ބޯކޮށް ވާރެވެހެމުންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުން އަންނަ ވިއްސާރައަކީ އިރުވައި މޫސުން ފެށުމުން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. މިވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ. މިވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދީއްތައިގެ ފަހުންކަމަށް އެއިދާރާއިން ވިދާޅުވެއެވެ.