ޚަބަރު

ރައްޔިތުންނާއެކު ބައްދަލުވުންތައް ބާއްވަނީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން: ރައީސް


  • ރައްޔިތުންގެ ޚިޔާލާއި ޝުޢޫރުތައް ބޭކާރުވެގެން ނުދާނެކަން ރައީސް ފާހަގަކުރެއްވި

ރައްޔިތުންނާއެކު ބައްދަލުވުންތައް ބާއްވަނީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ޞަލާހުއްދީން ސްކޫލުގައި ބޭއްވި ބައްދަލުކުރެއްވުން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއެކު ކުރިއަށްގެންދާ މި ސިލްސިލާ ބައްދަލުވުންތަކުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވީހާވެސް ގާތުން އޮޅުންފިލުވުންކަމަށެވެ. އަދި އެކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ މި މަސައްކަތުގެ ބޭނުމަކީ. ރައްޔިތުން ފާޅުކުރައްވާ ކޮންމެ ޚިޔާލަކީ މަޝްވަރާއަކީ ހަމަ މުހިންމުކަމެއް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއެކު ސިލްސިލާ ބައްދަލުކުރެއްވުންތައް ބާއްވަވަމުންނެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ބޭނުންވާ ޚިޔާލާއި ކަންބޮޑުވުންތައް ހިއްސާކުރެއްވުމުގެ ފުރުޞަތު ދެއްވައެވެ. އަދި ރައްޔިތުންނާއެކު ގިނަ ވަގުތުތަކެއް އެމަނިކުފާނު ގެންދަވަނީ ހޭދަކުރައްވަމުންނެވެ.

މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނާއި ހެންވޭރުގެ ރައްޔިތުންގެ އިތުރުން ގަލޮޅުގެ ރައްޔިތުންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.