ދުނިޔެ

އުޒްބަކިސްތާންގެ ރައީސް އިސްލާމް ކެރިމޮފް އަވަހާރަވެއްޖެ


އުޒްބަކިސްތާންގެ ރައީސް އިސްލާމް ކެރިމޮފް އަވަހާރަވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ސަރުކާރާއި މަޖުލީހުން ނެރުނު ބަޔާނެއްގައެވެ.

އުޒްބަކިސްތާންގެ ޤައުމީ ޓީވީން އިއްވި މިބަޔާނުގައި ބުނެފައިވަނީ 78 އަހަރުގެ ރައީސް އަވަހާރަވީ ސްޓްރޯކެއް ޖެހުމަށް ފަހުކަމަށެވެ. އަދި ކެރިމޮފްގެ ޖަނާޒާއާއި ފަސްތާނުލުން އިސްލާމީ އުސޫލުތަކުގެ މަތިން މިއަދުގެ ވަގުތެއްގައި ކުރިޔަށް ގެންދާނެކަމަށްވެސް މި ބަޔާނުގައިވެއެވެ.

އުޒްބަކިސްތާނުގެ ރައީސްގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އިސް ބޭފުޅެއްގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ އެޤައުމުގެ ބޮޑުވަޒީރު ޝަވްކަތް މިޒްޔޮޔެވްއެވެ.

ރައީސް ކެރިމޮފް އަވަހާރަވުމާއި ގުޅިގެން ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

ކެރިމޮފްގެ ޖަނާޒާގައި ބައިވެރިވާ ރަޝިޔާގެ ވަފްދުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވްއެވެ.