ދުނިޔެ

ސަޢޫދީ ރެޑް ކްރެސެންޓުން 8 އެއަރ އެމްބިއުލާންސް ޚިދުމަތަށް ނެރެފި


ޙައްޖު ދުވަސްވަރު، ޞިއްޙީ ޙާލަތު ދަށްވާ ޙައްޖާޖީން ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ގެންދިއުމަށް ސަޢޫދީ ރެޑް ކްރެސެންޓުން 8 އެއަރ އެމްބިއުލާންސް ޚިދުމަތަށް ނެރެފިއެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައިވާ ޙައްޖާޖީންގެ އަދަދު 2 މިލިއަނަށްވުރެ މައްޗަށް އަރައެވެ. ޙައްޖުގެ އިންތިޒާމްތަކާއި، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސަޢޫދި ސަރުކާރުން އަަބަދުވެސްދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބާރުއަޅަމުންނެވެ. މީގެ ތެރެއިންވެސް، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ޤައުމުން ކޮށްފައިވާ ތައްޔާރީތައް ފާހަގަކޮށްލެވެއެވެ.

އެހެން އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، މިކަމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ބަލިވާ ޙައްޖާޖީން ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ގެންދިއުމުގައި ހުރި ދަތިތަކާއި، ބަލި މީހުންނަށް ފަރުވާ ދިނުމުގައި ލަސްވުން ކަމަށް އެ ޤައުމުގެ ސެންޓްރަލް ޙައްޖު ކޮމިޓީން ބުނެއެވެ. އަދި، މި އަހަރު މިކަމަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދީފައިވާ ކަމާށާއި، ބަލިވާ ޙައްޖާޖީން ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ގެންދިއުމުގެ ހުރިހާ ޒިންމާއެއް ސަޢޫދީ ރެެޑް ކްރެސެންޓާއި ޙަވާލުކޮށްފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

ޙައްޖާޖީންނަށް ފޯރުކޮށްދޭ އެމަރޖެންސީ ޞިއްޙީ ފަރުވާގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސަޢޫދީ ރެެޑް ކްރެސެންޓުން 8 އެއަރ އެމްބިއުލާންސް މިހާރު ޚިދުމަތުގައި ބޭނުންކުރަމުންދާ ކަމަށް އެ އިދާރާގެ އެކްޓިންގް ޗެއަރމަން މުޙައްމަދު ޢަބްދުﷲ އަލް-ޤާސިމް ވިދާޅުވިއެވެ. މީގެ އިތުރުން، 113 އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި، 2،459 ފަންނީ މުވައްޒަފުން ޙަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އިތުރު 6 އެމްބިއުލާންސް ސެންޓަރު، ޙަރަމްފުޅަށް ދަތުުރުކުރަން ހުންނަ މަގުތަކާއި، ޙައްޖާޖީން ދިރިއުޅޭ ހޮޓާ އަދި ގެސްޓްހައުސްތައްް ހުންނަ ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާ ޙައްޖާޖީންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ރެޑް ކްރެސެންޓުގެ 99 ޑޮކްޓަރުންނާއި، 1،579 ޞިއްޙީ އެހީތެރިންނާއި، އަދި 1،400 ދަރުމަވެރިން މިހާރުވެސް ދަނީ ޙަރަކާތްތެރި ވަމުންނެވެ.