ޚަބަރު

އިންޑޮނޭޝިޔާ ކޮންސުލުން އެންމެ އިސްކަމެއްދޭނީ ދިވެހި ޒުވާނުންނަށް


ރާއްޖޭގައި ޤާއިމްކުރި އިންޑޮނޭޝިޔާ ކޮންސުލުން އެންމެ އިސްކަމެއްދޭނީ ދިވެހި ޒުވާނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށް އިންޑޮނޭޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި އޮނޮރަރީ ކޮންސުލް، ނާޝިދު ޙުސައިން ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ކަމަށްވުމާއެކު، އިންޑޮނޭޝިޔާ ސަރުކާރުން އޮތީ ރާއްޖެއަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ ކޮންސުލުން އެންމެ އިސްކަން ދޭނީ ތަޢުލިމީ ޒުވާނުން ބިނާކުރުމަށް ކަމަށާއި، އިންޑޮނޭޝިޔާގައި ހުރި ތަޢުލީމީ ފުރުޞަތުތައް ޢާންމުންނަށް އަންގައިދިނުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އިންޑޮނޭޝިޔާ ސަރުކާރާއިއެކު ވާހަކަ ދައްކަވައިގެން ސްކޮލަރޝިޕްގެ ފުރުޞަތުތައް ހޯއްދެވޭތޯ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި ތަފާތު އެކި ދާއިރާތަކުން ޒުވާނުންނަށް ތަމްރީން ދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އިންޑޮނޭޝިޔާގައި ހުރި ތަމްރީން ޕްރޮގްރާމްތަކުން ދިވެހި ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އިންޑޮނޭޝިޔާއަކީ އާސިޔާންގެ ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އިޤްތިޞާދު ކަމަށްވުމާއެކު، ތަޢުލީމީ ދާއިރާގެ އިތުރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްވެސް އިންޑޮނޭޝިޔާ ކޮންސުލޭޓުން އެއްބާރުލުން ދޭނެކަމަށް ނާޝިދު ވިދާޅުވިއެވެ.