ޚަބަރު

ވިމެންސް ލީގު: އޮޑި މޮޅުވުމާއެކު ޗެމްޕިއަން ޓީމު ކަނޑައެޅޭނީ ފަހު މެޗުން


އެފްއޭއެމް ވިމެންސް ލީގު 2025 ގައި ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް، އޮޑި ސްޕޯޓްސް ކުލަބުން ލީގު ރޭހުގައި މުހިންމު މޮޅެއް ހޯދައިފިއެވެ. ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އޮޑި ސްޕޯޓްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއާއެކު ޗެމްޕިއަންކަން ލިބޭނެ ޓީމެއް ކަނޑައެޅޭނީ ލީގުގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗުންނެވެ.

މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށް ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ. ލަނޑުގެ ތަފާތުންވެސް ދެ ޓީމު އެއްވަރުވެފައިވާއިރު، މާޒިޔާއަށް ކުރިލިބެނީ ޖެހި ލަނޑު އިތުރުވުމުންނެވެ. އެހެންކަމުން އަންނަ އަންގާރަ ދުވަހުގެ ހަވީރު ލީގުގެ ފަހު މެޗުގައި މި ދެ ޓީމު ބައްދަލުކުރާއިރު، ޗެމްޕިއަންކަން ލިބޭނެ ޓީމެއް ކަނޑައެޅޭނީ އެ މެޗުންނެވެ. މާޒިޔާއަށް އެ މެޗު އެއްވަރުކޮށްގެންވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭއިރު، އޮޑި ސްޕޯޓްސް ޖެހޭނީ ލީގުގެ ފަހު މެޗުން މޮޅުވާށެވެ.

ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި އޮޑި ސްޕޯޓްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި މެޗުގައި ދެ ޓީމަށްވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މި މެޗާ ކުރިމަތިލިއިރު ވިކްޓަރީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ސަފީނާ ވަނީ ސަސްޕެންޑުވެފައެވެ. އެއީ ލީގުގައި އެންމެ ފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އޮޑި ސްޕޯޓްސްގެ ފާތިމަތު އިނާޝާ އާދަމަށް އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް ލިބުނު ބޯޅަ އެންމެ ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އޮޑި ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ފާތިމަތު ސާލިޔާއެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ. އޭގެ ފަހުން ލިބުނު އިތުރު ހިލޭ ޖެހުމަކުން ސާލިޔާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުން ބަލިވުމާއެކު ވިކްޓަރީއަށް ވަނީ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ގެއްލިފައެވެ. ތިންވަނައިގައި އޮތް ވިކްޓަރީ އާއި ހަތަރުވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓް ލިބުނުއިރު، ފަސްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް ބިސް ބުރު ސްޕޯޓްސް ކުލަބު މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ވަނީ ބަލިވެފައެވެ.