ޚަބަރު

އިނގިރޭސި ރަސްގެފާނަކީ އެއްބައިވަންތަކަމަށް މަސައްކަތްކުރައްވާ ލީޑަރެއް: ނައިބް ރައީސް


އިނގިރޭސިވިލާތުގެ ރަސްގެފާނަކީ، ޤައުމުތަކުގެ އެއްބައިވަންތަކަމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ލީޑަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ، 77ވަނަ އުފަންދުވަހާ ގުޅިގެން ރާއްޖޭގައި، ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއާ އާއި ވަޒީރު އަދި ބައެއް ޤައިމުތަކުގެ ސަފިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބުރައީސް ވިދާޅުވީ ޤައުމުތަކުގެ ގުޅުންބަދަހިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގައި އިނގިރޭސިވިލާތަކީ ފާހަގަކޮށްލެވޭ ޤައުމެއްކަމަށެވެ.

އެގޮތުން ރާއްޖެއަށް ބަލާއިރުވެސް ތިމާވޭށީގެ ދާއިރާއާއި، ސަޤާފަތާއި ތަރިކަ ޙިމާޔަތްކުރުމުގެ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތައްފަދަ، ރާއްޖެއަށް ވަރަށް މުހިންމު ދާއިރާތަކަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެގޮތުން ރާއްޖެއާއި އިނގިރޭސިވިލުގެ ޚާރިޖީ ގުޅުމަށް 60 އަހަރުފުރުން މިއަހަރު ފާހަދަކުރަމުންދާއިރު، މި ވޭތުވެދިޔަ ދެ އަރަރުވެސް މި ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތަކާއި، ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ގިނަ އެއްބެސްވުންތަކަކަށް އާދެވުނުކަމަށްވެސް ވިދާޅުވިއެވެ. އަދި 27ވަނަ ކޮމަންވެލްތް ހެޑްސް އޮފް ގަވަމަންޓްސްގެ ބައްދަލުވުމުގައި ރާއްޖޭގެ ނައިބު ރައީސްގެ ޙައިސިއްޔަތުން، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3އާއި ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުމަކީވެސް އުފާކުރެއްވިކަމެއްކަމަށް ވިދާޅުވިއެވެ.

"މީހުން ބިނާކުރުމުގެ ދާއިރާ، ތިމާވެށި، ތަޢުލީމީ ދާއިރާ، އިޤްތިޞާދީ ދާއިރާ އަދި ޑިފެންސް ކޯޕަރޭޝަންގެ ދާއިރާއިން ރާއްޖެއަށް ގިނަ އެހިތަކެއް ދަނީ ފޯރުކޮށްދެމުން. ރައީސްގެ ދަތުރުފުޅުގައި ވިޔަފާރީގެ ދާއިރާއިން ކުރިއަށްގެންދިޔަ ބައްދަލުވުމަކީވެސް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް" ނައިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވަނީ ކުރިމަގުގައިވެސް ފައިދާހުރި ގިނަ ދާއިރާތަކަކުން، ދެ ޤައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.