ސިއްހަތު

ޞިއްޚީ ޚިދުމަތް ދޭ ތަންތަން އީޕޯޓަލް ވިއުގައަކުން ގުޅާލަނީ


އަންނަ އޮކްޓޯބަރު މަސް ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ޞިއްޚީ ޚިދުމަތް ދޭ ތަންތަން އީޕޯޓަލް ވިއުގައިން ގުޅާލެވޭނެ ކަމަށް އާސަންދަ ޕްރިވެޓް ލިމިޓެޑުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ހުސްނުވާ އާސަންދައާއި ބެހޭމަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް ކުރިއަށްގެންދިޔަ "އަހުލު" މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ހުސްނުވާ އާސަންދައާއި އެންސްޕާގެ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް "އަހުލު" ގެ ނަމުގައި ބޭއްވެވި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މި ސަރުކާރުން ވެފައިވާ ޞިއްޙީ ވަޢުދުތައް ފުއްދެވުމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑާއި އެންސްޕާއިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޞިއްޙީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ އެމްޑީޕީ ސަރުކާރުގައި ޞިއްޙީ ނިޒާމަށް ގެންނަވާފައިވާ ބައެއް ބަދަލުތަކަށް ފާޑުވިދާޅުވެފައެވެ. 

"މުޅި ނިޒާމް ހަލާކުވެ ފުނޑުފުނޑުވެގެން ދިޔަ. ދިވެހިރާއްޖޭގައި އަންޒަމާނުއްސުރެ އެސްޓަބްލިޝްވެފަ އޮތް ވަރަށް ސްޓްރޯންގް ޕަބްލިކް ހެލްތު ނިޒާމެއް އޭރު. އެ ނިޒާމް ހަމަ މުޅިން ވިއްސި ވިހާލިވެގެންދިޔައީ. ކުޑަކުދިންނަށް ވެކްސިންގ ދިނުމާއި ފޫޅުމައިން ވިއްސުމާއި ގޭގޭގައި ވިއްސުމާއި އަދި ހެލްތު ސެންޓަރުތަކުގައި ވިއްސުމާއި މި ހުރިހާ ކަމެއް، ޓީބީއަށާއި މިފަދަ ކަންތަކަށް ބޭސް ދިނުމާއި އަދި ފާޑެއްގެ ކޯޕަރޭޝަން ތަކެއްގެ ސަބަބަން މުޅި ނިޒާމް ގެއްލިގެން ދިޔައީ. ހެލްތު މިނިސްޓްރީގައި ހުރި މީގެ ސްޓެޓިސްޓިކްސް ބަލަހައްޓާ އުސޫލްތައްވެސް މުޅިން ވިއްސި ވިހާލިވެގެން ދިޔައީ" ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހުސްނުވާ އާސަންދައިގެ ކޮންސެޕްޓް މުޅިދުނިޔެއިންވެސް އެންމެ ފުރިހަމައަށް ފޯރުކޮށްދެއްވަނީ ދިވެހި ރާއްޖޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލޭ ދާއިރާގެ މެމްބަރ އަޙުމަދު ނިހާން ޙުސައިން މަނިކް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ޞިއްޚީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ނިހާން ވިދާޅުވީ، އެންސްޕާއިންނާއި އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރައްވާ ފުރިހަމަ ކުރެއްވުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި، މެޑިކަލް ޗެކަޕްގެ ޚިދުމަތް ފެށުމުން ދައުލަތުގެ ބަޖެޓުން ކުރައްވާ ޚަރަދުގެ ބޮޑު ބައެއް ކުޑަކުރެވޭނެ ކަމަށެވެ. 

"މިސާލަކަށް މިއަދު އަޅުގަނޑުމެން ޤައުމުގެ ކޮންމެ މީހަކަށް، ކޮންމެ ރައްޔިތަކު މެޑިކަލް ޗެކަޕް ކޮންމެ އަހަރަކު ހަދާނަމަ އެއީ ވަރަށް ބޮޑު ސޭވެއް މުޅި ޤައުމުން ފެނިގެންދާ. އަދި އެ ތަސައްވަރު އެއީ ޤާނޫނަކުން އަޅުގަނޑުމެން ކަނޑައަޅަން ޖެހިއްޖެނަމަ ފަސްނުޖެހި ކުރަންވެސް ވީ ކަމެއް. ނަމަވެސް އެކަމަށް ބޭނުންވާ އާލާތްތަކާއި ސާމާނާއި ފައިސާ އަޅުގަނޑުމެން ދައުލަތަށް ފޯރުކޮށްދީގެން އަދި ލިބޭނެ ގޮތްތައް ހަދައިގެން މިދެންނެވި އޭރިއާ އަޅުގަނޑުމެން ތަރައްޤީ ކުރާނީ. މާނައަކީ ހަމައެކަނި ނަމަކަށް އާސަންދަ ޕްރައިވެޓް ލިމިޓެޑް އުފައްދާފަ ހުސްއެކަނި ބޭސް ސިޓީއަށް ފައިސާ ދައްކައިދޭން އޮތް އެޖެންސީއެއްގެ ގޮތުގައި ބާއްވައިފިއްޔާ މިކަމެއް ހާޞިލެއް ނުކުރެވޭނެ." މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލި ވިލި މާލޭ ދާއިރާގެ މެމްބަރ އަޙުމަދު ނިޙާނު ޙުސެޢިން މަނިކް ވިދާޅުވިއެވެ.

އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދަ އޮފީހުގެ މަސައްކަތްތައް ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއް އީޕޯޓަލްއެއް މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ފ. އަތޮޅުގައި މި ޚިދުމަތް މިހާރު ތަޢާރަފް ކޮށްފައިވާ ކަމަށާއި، އަންނަ އޮކްޓޫބަރ މަސް ނިމެންވާއިރަށް ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއް އީޕޯޓަލް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

"އާސަންދަ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ ގޮތުން އާސަންދަ އީ ޕޯޓަލުން ހުރިހާ ސިއްޚީ ޚިދުމަތްދޭ ތަންތަން ގުޅާލުމަށް މަސައްކަތް މިހާރު ވަނީ ފެށިފަ. ފ.އަތޮޅުގެ ހުރިހާ ރަށެއްގެ ކަމާގުޅުންހުރި މުވައްޒަފުން ތަމްރީންކޮށް ޚިދުމަތް ދޭން ވަނީ ފެށިފަ. އަދި މިހާރު މި ވިއްސާރައާއި މި ގަދައިގައިވެސް އަޅުގަނޑުމެންގެ ޓީމުންދަނީ ށ. އަތޮޅުގައި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގަމުން" އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ އަހުލު މަސައްކަތު ބައްދަލުމުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ހުސްނުވާ އާސަންދައިގެ ދަށުން މިހާރު ފެށުމަށް ތައްޔާރު ވަމުންދާ މެޑިކަލް ޗެކަޕްގެ ޚިދުމަތަށެވެ. މި މަސައްކަތު ބައްދަލުވުމުގައި އައިޖީއެމް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ރީޖިނަލް ހޮސްޕިޓަލްތަކުން އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.