ހުޅުމާލޭގެ ރައްޔިތުން އަމާން މުޖުތަަމައެއްގައި ދިރިއުޅުގެ މަގު ފަހިކުރުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން "އެސްޓޭޓް ސެކިއުރިޓީ ސަރވިސް"ގެ ނަމުގައި ޚާއްސަ ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.
މި ޚިދުމަތަކީ އެޗްޑީސީގެ ސެކިއުރިޓީގެ މަސައްކަތްތައް ވަކި ޚާއްސަ ބްރޭންޑެއްގެ ދަށުން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީއިން "އެސްޓޭޓް ސެކިއުރިޓީ ސަރވިސް" ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރުއެވެ. އަދި މި ރަސްމިއްޔާތުގައި ސެކުއިރިޓީގެ ޚިދުމަތް އިފްތިތާހުކޮށް، މި ބްރޭންޑް އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޑީ ޒުހައިރަށް ވަނީ ޚާއްސަ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.
މި ބްރޭންޑް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލެއަކީ އާބާދީ ބޮޑުވަމުން އަންނަ ރަށަކަށް ވުމާއެކު، މި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން ސެކިއުރިޓީ ރިފޯމްކުރުމަށް އެސްޓޭޓް ސެކުއިރިޓީ ސަރވިސްގެ ނަމުގައި ވަކި ހާއްސަ ބްރޭންޑެއް ތަޢާރަފުކޮށްފައިވާ ކަމަށާއި، މިއީ ހުޅުމާލޭގެ ރައްޔިތުންނަށް އަމާން މުޖުތަަމައެއްގައި ދިރިއުޅުގެ މަގު ފަހިކުރުމަށް ކުރެވިގެންދިޔަ މުހިންމު މަސައްކަތެއް ކަމަށް އެމްޑީ ޒުހައިރު ފާހަގަކުރެއްވިއެވެ.
"ސެކުއިރިޓީންނަކީ ތަނުގެ އަމާންކަމާއި އޮމާންކަން ބެލެހެއްޓުމަށް ހީވާގިކަމާއެކު ރެޔާއި ދުވާލު 24/7 މަސައްކަތް ކުރާ ފަރާތްތަަކެއް. އެހެންކަމުން އެ މީހުން ފަސޭހައިން އައިޑެންޓިފައި ކުރެވޭނެގޮތެއް ހަދަން އެބަޖެހޭ. އެހެންމަ މިއަދު މި ތައާރަފްވެގެންދިޔަ އެސްޓޭޓް ސެކުރިޓީ ސަރވިސްގެ މަޤުސަދު އަޅުގަނޑުމެން ކުރިއަށްދާނީ އެންމެ ފުރިހަމަކަމާއި އަމާންކަމާއި، ތިޔަ ހުރިހާ ފަރާތަކަށްވެސް ދޭންޖެހޭ ފުރިހަމަ ޚިދުމަތެއް ގޮތުގައި" އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބްދުލް ޢަލީމް ވިދާޅުވީ، ފުލުހުންނާއި އެޗްޑީސީގެ ސެކިއުރިޓީ ޓީމާ ގުޅިގެން ހުޅުމާލެއަކީ ރައްކާތެރި އަދި އަމަން އަމާން ތަނެއްްގެ ގޮތުގައި ބޭއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިއަދު މި ތައާރަފްކުރެވިގެން ދިޔަ ޚިދުމަތާއެކު ފުލުހުންނާއި އެޗްޑީސީގެ ސެކުރިޓީން ގުޅިގެން މަސައްކަތް ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ޙާމިދާ ފާހަގަކުރެއްވިއެެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޔުނީފޯމެއް އެޅި، މަސައްކަތްތައް ތަރުތީބު ވެގެން ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސެކުއިރީޓީން މަސައްކަތް ވަރަަށް ބޮޑު ތަނުން ހަރުދަނާ ވެގެންދާނެކަމެއް" އިންސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބްދުލް ޢަލީމް ވިދާޅުވިއެވެ.
އެސްޓޭޓް ސެކިއުރިޓީ ޓީމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތަންތަން ބެލެހެއްޓުމުގެ 24 ގަޑިއިރު މަސައްކަތް ކުރާނެއެވެ. އަދި ސެކުރިޓީ ޓީމުން މަސައްކަތް ކުރާނީ ހާއްސަ ޔުނީފޯމެއް އަޅައިގެންނެވެ. މި ޚިދުމަތުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ފެންވަރަށް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން، ސީސީޓީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ގައުމީ މިންގަނޑުތަކަށް ފެތޭގޮތަށް މި ޚިދުމަތް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާނެއެވެ.
މި ޚިދުމަތުގެ ދަށުން ހުޅުމާލޭގެ ހުރިހާ ފޭސްތަކެއްގައި ހިމެނޭ އިމާރާތްތަކުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައްވެސް ބަލަހައްޓައި ރައްކާތެރިކަން ކަށަވަރުކުރާނެއެވެ. މީގެ ތެރޭގައި ވީނަރެސް ފްލެޓްސް ފަދަ ބޮޑެތި ޢިމާރާތްތައްވެސް ހިމެނެއެވެ. މި މަސައްކަތް ކުރިއަށްގެންދާއިރު، ކަމާބެހޭ ފަރާތްތަކާއެކު ގުޅިގެން، ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.