ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ރާއިދު ސަޢަދު ޝަހީދު ކޮށްލާފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފިއެވެ. ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޚަލީލް އަލް-ޙައްޔާ ވިދާޅުވީ، ސަޢަދު ޝަހީދު ކޮށްލާފައި ވަނީ ޣައްޒާއަށް ދީފައިވާ ވައިގެ ޙަމަލާއެއްގައި ކަމުގަވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އޮކްޓޫބަރު މަހު ޙަމާސާއެކު ޔަހޫދީން އެއްބަސްވި ފަހުންނެވެ.
ސަޢަދު ޝަހީދު ކޮށްލުމަށް ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް ޔަހޫދީން ދިން ޙަމަލާގައި އިތުރު ހަތަރު މީހަކު ޝަހީދު ކޮށްލައި، 25ށްވުރެ ގިނަ މީހުން ޒަަޚަމު ކޮށްލިއެވެ. ވީޑިޔޯ މެސެޖެއްގައި ޙައްޔާ ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޔަހޫދީން ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމުގައެވެ.
އަދި، އެ ކަން ހުއްޓުވުމަށް އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިންގެ ގޮތުގައި ބައިވެރިވި ޤައުމުތަކާއި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު މެދުކަނޑައިލައި، ޙަމާސާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެ، އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުއެވެ. އޭގެ ފަހުން ޔަހޫދީން ވަނީ 800ށްވުރެ ގިނަ ފަހަރު ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް ދީފައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 386ށް އުފުލިފައެވެ.