މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ ކަންކަން އިތުރަށް ފަސޭހަކުރުމުގެ ގޮތުން "މަސް ކިރާ"ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފިއެވެ.
މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާޙީމްއެވެ.
މިފްކޯއިން ވިދާޅުވީ، "މަސްކިރާ"ގެ ނަމުގައި އިފުތިތާޙުކުރި މި އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭގޮތަށް އަދި އެނޫންވެސް ގިނަ ފަސޭހަތަކެއް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ އެޕެއް ކަމަށެވެ. "ކެޔޮޅާ މޯލްޑިވްސް"ގެ ރައީސާ ޝަފްގާ ޝަފީގުގެ ކޮންސެޕްޓަކަށް ފަރުމާކޮށް، މިފްކޯއާ ގުޅިގެން ތަޢާރަފުކުރެވޭ މި އެޕަކީ ފުޅާ ދާއިރާއެއްގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން ތައްޔާރުކޮށްފައިވާ އެޕެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
މިފްކޯއިން ވިދާޅުވީ، މި އެޕްލިކޭޝަންގެ ސަބަބުން މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، މަސްވެރިންނަށް އެމީހުންގެ ދޯނި ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެންދެއެވެ.
މަސްކިރުން ފިޔަވާ އިތުރު ޚިދުމަތްތައް ބޭނުންވާނަމަ، އެ ޚިދުމަތްތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ތެޔޮ، ފެން އަދި އައިސް ފަދަ ޚިދުމަތްތަކަށް އެޕްލިކޭޝަނުން އެދެވޭނެއެވެ. މި ހުރިހާ ކަމެއް ނިމުމަށްފަހު، މަސް ކިރުމަށް ޓޯކަން ޖެނެރޭޓް ކުރެވޭނެއެވެ. އަދި ޓޯކަން ޖެނެރޭޓް ކުރުމަށްފަހު، ކިއު ނަންބަރު ވަގުތުން ބަލާލުމުގެ ފުރުސަތުވެސް މަސްވެރިންނަށް ލިބިގެންދެއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް މީގެ ކުރިން އެ ދޯންޏަކުން މަސްކިރުވި އަދަދުތަކާއި ތަފާސްހިސާބުތައްވެސް ބަލާލެވޭނެއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އެމީހުންގެ މަސްވެރިކަމުގެ ތާރީޚު ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ޒަމާނީ ހައްލެއް ގެނައުމުގެ ސަބަބުން މަސްވެރިންގެ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެ، ވަގުތު ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި މިއީ މަސްވެރިން ގިނަ ވަގުތު ކިއުގައި ޖެހިގެން ހުންނަންޖެހޭ ހުުރުމަށް ނިމުމެއް ގެނެސްދޭނެކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.