ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ޤައުމީ ބްރޭންޑް "ފްރޮމް މޯލްޑިވްސް"ގެ ވެބްސައިޓް އިފްތިތާޙުކޮށްފިއެވެ.
45 ވަނަ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ވެބްސައިޓް އިފްތިތާޙުކޮށްދެއްްވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓް ކުރުމުގެ މަޤުސަދުގައި "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި ޚާއްސަ ބްރޭންޑެއް ތަޢާރަފް ކޮށްފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، އިނގިރޭސިވިލާތުގައި ބޭއްވި ޔޫކޭ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ވެބްސައިޓްގެ ޒަރިއްޔާއިން ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް، މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެެވެ. އަދި މި ވެބްސައިޓް ޑިޒައިން ކޮށްފައިވަނީ، ބޭނުންކުރަން ފަސޭހަގޮތަކަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބްރޭންޑުގެ ވެބްސައިޓް އިފްތިތާޙު ކުރުމަކީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށާއި، އަދި ޕްރޮސެސް ކުރުމުގެ އިތުރުން މަސް ފިނިކޮށް، ރައްކާ ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރު ކުރާ އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.