ރ. ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީއާއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމޭއިރު ދުވާފަރަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.