ސްޕޭސް އެކްސްގެ ޙިއްސާ ގަނެ، އިންވެސްޓުކުރުމަށް ވިސްނަމުންދާ އިންވެސްޓަރުންނަށް، ސީއީއޯ އެލަން މަސްކުގެ މާސްއަށް އިންސާނުން ފޮނުވުމުގެ ހުވަފެނުމުގެ ސަބަބުން ހިރާސްބޮޑުވެފައިވާ ކަމަށް މާލީ ތަޖުރިބާކާރުން ބުނެފިއެވެ.
މަސްކުގެ މޭސްތެރިކަމުގައި، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ޖައްވީ ރޮކެޓުތަކާއެކު، ސްޕޭސް އެކްސް ކުންފުނިން ވަނީ ޖައްވީ ދަތުރުފަތުރަށް އިންޤިލާބީ ބަދަލެއް ގެނެސްފައެވެ. އެ ކުންފުނިން ވަނީ ސެޓަލައިޓު ބޭނުންކޮށްގެން ސްޓާލިންކްގެ ނަމުގައި ބްރޯޑްބޭންޑް އިންޓަރނެޓް ޚިދުމަތް ވެސް ދުނިޔެއަށް ތަޢާރަފްކޮށްފައެވެ.
ސްޕޭސް އެކްސްއިން ދަނީ އަންނަ އަހަރު ޙިއްސާގެ ބާޒާރަށް ނުކުންނަށް ތައްޔާރުވަމުންނެވެ. މާލީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، 25 ބިލިއަން އެމެރިކާ ޑޮލަރުން ފެށިގެން އެއް ޓްރިލިއަން ޑޮލަރާ ހަމައަށް މި ލިސްޓިންގ މެދުވެރިކޮށް ސްޕޭސް އެކްސްއަށް ހޯދިދާނެއެވެ.
ނަމަވެސް، ސްޕޭސް އެކްސްގައި އިންވެސްޓުކުރަން ވިސްނާ ފަރާތްތަކަށް ހިރާސްބޮޑުވެފައިވަނީ މާސްއަށް އިންސާނުން ފޮނުވުމަށް މަސްކު ގެންގުޅުއްވާ ވިސްނުމުގެ ސަބަބުންނެވެ. ސްޕޭސް އެކްސްގައި އިންވެސްޓުކުރަން ގިނަ ފަރާތްތަކުން ބޭނުންވަނީ ސްޓާލިންކްގެ ވިޔަފާރި މޯބައިލް ޚިދުމަތުގެ އިތުރަށް ޑޭޓާ ސެންޓަރުތަކަށް ފުޅާކޮށްގެން ލިބެން އޮތް ފައިދާއަށް ބަލައިގެންނެވެ.
ގާތްގަނޑަކަށް 10،000 ސެޓެލައިޓް ޖައްވުގައި ހުރި ސްޓާލިންކްގެ މަދުވެގެން 140 ޤައުމަކާއި ސަރަޙާއްދުތަކެއްގައި 6 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުން ތިބެއެވެ. އިންޑިއާގައި ސްޓާލިންކްގެ ޚިދުމަތް ފެށުމަށް ބޭނުންވާ ހުއްދަ ލިބެން ގާތްވެފައިވާއިރު، 2030 ވަނަ އަހަރުގެ ނިޔަލަށް ސްޓާލިންކުގެ ސެޓެލައިޓް ބްރޯޑްބޭންޑް ސަރވިސް މާކެޓުގެ އަގު 1.9 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން، ޖައްވީ ދަތުރުފަތުރުގެ ވިޔަފާރިއަށް އޮތް ގެއްލުމުގެ ހިރާސްތައް، ސްޓާލިންކުން ލިބޭ އާމްދަނީން ފޫބެއްދޭނެކަމަށް ބައެއް މާހިރުން ވިދާޅުވެއެވެ.
މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ، 150 ބިލިއަން އެމެރިކާ ޑޮލަރުގެ "ގޯލްޑަން ޑޯމް" ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ ސެޓަލައިޓުތައް ފޯރުކޮށްދިނުމުގެ ވިޔަފާރިއަށް ވަނުމުގެ ފުރުޞަތު ވެސް ސްޕޭސް އެކްސްއަށް ބޮޑުއިރު، މިއީ ވެސް އިންވެސްޓަރުންގެ ޝައުޤުވެރިކަން އެ ކުންފުންޏާ މެދު އިތުރުވެފައިވާ ސަބަބެއް ކަމަށް ބުނެފައިވެއެވެ.