އިންޑޮނޭޝިއާ މުބާރާތުން ލިބުނު ކާމިޔާބީއާއި ސްކޭޓް އެރީނާއަކީ މިއަހަރުގެ އެންމެ ބޮޑު ކާމިޔާބީތައްކަމަށް ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވެއްޖެއެވެ.
އިންލައިން ސްކޭޓިންއިން މިއަހަރު ހާސިލްކުރެވުނު އެންމެ މުހިންމު ކާމިޔާބީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހާނިމް ވިދާޅުވީ ސްކޭޓްސް މޯލްޑިވްސްގެ ފަރާތުން މިއަހަރުގެ މޭމަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބޭއްވި އިންލައިން ސްކޭޓް ސީރީޒްގައި ވާދަކޮށް ރާއްޖެއަށް ރަން މެޑެއްޔަކާ، ރިހި މެޑައްޔެއްގެ އިތުރުން އަށް ލޯ މެޑަލް ހޯދައިދެވުމަކީ މިކުޅިވަރުގައި މިއަހަރު ހޯދުނު އެންމެ މުހިންމު އެއް ކާމިޔާބީކަމަށެވެ. އަދި ހަމަ އެއާއި އެކު މިއަހަރަކީ ސްކޭޓަރުންގެ ދުވަސްވީ ހުވަފެނެއްގައި ކުލަޖެހުނު އަހަރެއްކަމަށާއި އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދީލަތިފުފުޅުކަމާއެކު މާލޭގެ މުހިންމު ސަރަހައްދެއްގައި ސްކޭޓިން އެރީނާ ބިނާކުރަމުންދާއިރު އެއީވެސް ސްކޭޓިންގެ މިއަހަރުގެ ކާމިޔާބީއަށް އިތުރުވާނެ މުހިންމު ބޮޅެއްކަމަށް ހާނިމް ސިފަކުރެއްވިއެވެ.
"މިއަހަރުގެ ކާމިޔާބީގެ ގޮތުގައި އަޅުގަނޑުމެންނަށް މުހިންމެ ދެ ކަމެއް ފާހަގަކުރެވޭ. އެއްކަމަކީ ސްކޭޓްގެ މިވީ ކުރު ހަޔާތުގަ އިންޑޮނޭޝިއާގަ މިއަހަރު ކުރީކޮޅު ބައިވެރިވި މުބާރާތުން އެލިބުނު ކާމިޔާބީ. އަޅުގަނޑުމެންވެސް އެކްސްޕެކްޓެއް ނުކުރަން އެ ލެވެލްއަށް ނަތީޖާ ނެރެވިދާނެކަމަކަށް" ހާނިމް ވިދާޅުވިއެވެ.
ހާނިމް ވިދާޅުވީ ސްކޭޓް މޯލްޑިވްސް 19 ކުއްޖަކާއެކު އިންޑޮނޭޝިއާ މުބާރާތަށް ފުރީ އުންމީދުތަކާއެކުގައިކަމަށެވެ. އެމުބާރާތަށް ތައްޔާރުވަމުން އަންނަތާ ދެ އަހަރެއްހާ ދުވަސްވެދާނެކަމަށާއި މެޑައްޔެއްގެ އުންމީދާ އެއްވަރަށް ސްކޭޓަރުން ތައްޔާރުކުރެވުމުން މުބާރާތުގައި ވާދަކުރީކަމަށް އޭނާ ވިދާޅުވިއެވެ. ދެ އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުން މެޑައްޔެއް ލިބޭނެކަމުގެ އުންމީދު ލިބުންކަމަށާއި އެހެންނަމަވެސް ދިހަ މެޑަލް ލިބުމަކީ އުންމީދުކުރި ވަރަށްވުރެ މާބޮޑަށް ރަނގަޅު ނަތީޖާއެއްކަމަށް ހާނިމް ވިދާޅުވިއެވެ.
"މެޑައްޔެއް ހޯދުމުގެ އަމާޒުގައި 2023 ގައިވެސް އެމުބާރާތަށް ދާން ވިސްނިން. އެކަމު އޭރު އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފަ ނެތީމަ އަޅުގަނޑާ ކޯޗާއި ޑިސްކަސްކޮށްފަ ބައިވެރިނުވާން ނިންމީ. 2024 ގައިވެސް ހަމަ އެގޮތަށް ނިންމީ. ދެން 2025 އަށް އައިއިރު އެމުބާރާތުގަ ވާދަކުރާ އެހެން ގައުމުތަކުގެ ޓައިމިންއަށް ބަލައިގެން މެޑައްޔެއް ލިބޭނެކަން އަޅުގަނޑުމެންނަށް ޔަގީންވި" ހާނިމް ވިދާޅުވެފަވެއެވެ.
މެޑައްޔަކަށް ދެކެމުން އައި ހުވަފެން ކުލަކުރުމަށް ދިގު މުއްދަތެއްގެ ތައްޔާރީތަކަށްފަހު ކުރި ދަތުރުގައި ލިބުނު 10 މެޑައްޔަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ހާނިމް ފާހަގަކުރެއްވިއެވެ. މުބާރާތާ ކުރިމަތިލީ އެންމެ ހަތަރު މެޑައްޔަށް އަމާޒުކޮށްގެން ކަމަށްވިޔަސް ރާއްޖޭގެ އެތުލީޓުން އެމުބާރާތުގައި ރަނާއި ރިހި އަދި ލޯ ހިމެނޭހެން 10 މެޑަލް އެޅުމަކީ ރާއްޖޭގެ ސްކޭޓިން ތާރީޚުގައި ރަން ޞަފުހާއެއް ހުޅުވުނު ކާމިޔާބީއެއްކަމަށް ހާނިމް ސިފަކުރެއްވިއެވެ. އެމުބާރާތަކީ ފަސްގައުމަކުން 595 ސްކޭޓަރުން ވާދަކުރި މުބާރާތަކަށްވާއިރު މިއީ މިހާތަނަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިންލައިން ސްކޭޓިންއިން ރާއްޖެ ހޯދި އެންމެ ފުރިހަމަ ކާމިޔާބީއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ހާނިމް ވިދާޅުވީ މިކުޅިވަރުގެ ތެރެއަށް ގިނަ އަދަދެއްގެ ކުދިން ވަންނަމުންދާކަމަށެވެ. ގާތްގަނޑަކަށް 3 ވަރަކަށް އަހަރުގެ ކުދިންވެސް ގަވާއިދުން ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަކަމަށާއި މިއީ މުސްތަޤުބަލު އޮތް ކުޅިވަރެއްކަން މިކަމުންވެސް ދޭހަކޮށްދޭކަމަށް ހާނިމް ވިދާޅުވިއެވެ.
އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް މިކުޅިވަރަށްވެސް ޚާއްސަ ބިމެއްނެތި އެކި ސަރަހައްދުތަކުގައި ފަރިތަކުރަމުން އައި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިކުޅިވަރަށް ޚާއްސަ އެރީނާއެއް ބިނާކުރަންފެށުމަކީ ސްކޭޓިންގެ މުޅި ޢާއިލާއަށް ލިބުނު ބޮޑު އުފާވެރިކަމެއްކަމަށް ހާނިމް ވިދާޅުވިއެވެ.
ހާނިމް ވިދާޅުވީ އުސްފަސްގަނޑު ފަދަ މާލޭގެ މުހިންމު ސަރަހައްދަކުން ބިމެއް ދެއްވުމުން ދޭހަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ މިކުޅިވަރަށް ބަހައްޓަވާ ޚާއްސަ އަހަންމިއްޔަތުކަންކަމަށެވެ. އެހެންކަމުން އައު ސްކޭޓިން އެރީނާގެ މަސައްކަތް މިއަހަރު ފެށިގެން ދިއުމަކީ ސްކޭޓިންގެ މިއަހަރުގެ ބޮޑު ކާމިޔާބީތަކުގެ ތެރޭގައި ގުނޭނެކަމެއްކަމަށް ހާނިމް ވިދާޅުވިއެވެ.
"އެހެންވީމަ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި މި ފާހަގަކުރަނީ މެޑަލް ހޯދުމުގެ އިތުރުން މިކުޅިވަރު އިތުރަށް ވާދަވެރި ރޫހެއްގައި ސަރަހައްދީ ބޮޑެތި މުބާރާތްތަކުގައި ވާދަކުރަން ކުދިން ތަމްރީނުކުރަން އެޅޭ ބިންގާ ﷲ އިރާދަކުރެއްވިއްޔާ މިއޮތީ އަޅުގަނޑުމެންނަށް ލިބިފަ. އެކަމަށްޓަކައި ސަރުކާރަށް އަދި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ސްކޭޓް ޢާއިލާ އަދި ސްކޭޓް މޯލްޑިވްސްގެ ނަމުގައި ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން" ހާނިމް ވިދާޅުވިއެވެ.
ސްކޭޓިން އެރީނާގެ ބިންގާ އަޅައިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި މަސައްކަތަކީ އާރްސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތަކަށްވާއިރު އެފަރާތުން އަމާޒު ހިފާފަވަނީ މިއަހަރު ނިމުމުގެ ކުރިން މިމަޝްރޫޢުގެ މަސައްކަތް ނިންމާ ހަވާލުކުރުމަށެވެ.