ދިރާގު ދިވެހި ލީގުގައި ޓީސީ ސްޕޯޓްސް ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން އެޓީމު މޮޅުވަމުން އައި ފޯމު ދަމަހައްޓައިފިއެވެ. ދެވަނަ ބުރުގައި އޮޑިން ކުޅުނު ފުރަތަމަ މެޗު އެޓީމުން ލާމިޔާބު ކުރީ 3-0 ލަނޑުންނެވެ.
މި މޮޅާއެކު ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެން އޮޑި އޮތީ ލީގުގެ ދެވަނައިގައެވެ. ދެޓީމުން ވެސް މެޗަށް ނުކުތީ ޓްރާންސްފާ މާކެޓުގައި ޓީމަށް ގެނައި ބަދަލތަކާއެކުއެވެ.
ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ޓީސީ ރަނގަޅު ގޭމެއް ކުޅުނު އިރު ހަމަލާތައް އުފެއްދުމުގައި އޮޑިން ވަނީ ކާމިޔާބު ހޯދާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނިޓުގައި އޮޑިއަށް ޖަހައިދިނީ އަބްދުﷲ ލޫތު އިބްރާހިމްއެވެ.
މި ލަނޑަށްފަހު ޓީސީ ރަނގަޅަށް ކުޅުނު އިރު ޓީސީގެ މުހައްމަދު ދާނިޝް ފޮނުވާލި ހަމަލާ ދޔައީ ދަނޑިމަތިން ބޭރަށެވެ. އޭގަދަހުން އެޓީމުގެ ބިދޭސީ ފޯވާޑް ބޯއަޑޫ ޕްރިންސްއަށް ލިބުނު ފުރުސަތު ވެސް ވަނީ ބޭނުން ކުރެވޭ ގޮތް ނުވެފައެވެ.
މިމެޗުގައި އޮޑިން ޖެހި ދެވަނަ ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ 42 ވަނަ މިނިޓުގައި މެޗުގަ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިބްރާހީމް ވަހީދު ހަސަން އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ އިބްރާހިމް ވަހީދު ގޯލަށް ވައްދާލީ ކީޕަރު ބޯމަތިންނެވެ.
މެޗުގައި ދެވަނަ ހާފުގައި ވެސް ޓީސީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޮޑިގެ ތިންވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތު ތެރޭގައި މުޒްދާން ހަސަން އޭރިއާ ތެރެއަށް ވަދެ ގޯލިގެ ކައިރި ކަނަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.
މިއީ މި ލީގުގައި އޮޑިން ހޯދި 8 ވަނަ މޮޅެވެ.