މިދިޔަ މަހު ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ދިމާވެފައިވާ ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ޤައުމަށް އެހީތެރިވުމަށް މޯލްޑިވަސް ކަންޓަމްސް ސާރވިސްގެ ފަރާތުން 135,700 ރުފިޔާ ހަދިޔާކޮށްފިއެވެ.
ކަސްޓަމްސް ސާރވިސްގެ ފަރާތުން ރާއްޖޭގައި ހުންނަ ލަންކާ އެމްބަރސީއާއި މި ފައިސާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އިބްރާހިމް މަފާޒް، މަހްމޫދު ރިޔާޒްއެވެ. އަދި އެމްބަސީގެ ފަރާތުން ފައިސާއާއި ހަވާލުވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއެވެ.
ސްރީލަންކާއަށް އެހީތެރިވުމަށް ޕަބްލިކް ސާރވިސް މީޑިއާ ޕީއެސްއެމްއިން އިސްނަގައިގެން 37 މީޑިއާއެއް ގުޅިގެން ހާއްސަ ޓެލެތޯންއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ. އަދި މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށެވެ.
އެގޮތުން ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމަށް އެހީތެރިވުމަށް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ސިލޯނާއެކު ދިވެހީން ޓެލެތޯނަށް 8 ލައްކަ ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ.
ސްރީލަންކާއަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ، ދިވެހިންނާއި ވަރަށް ގާތް ގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.