ހައްޤުތައް ކަށަވަކުރެވިފައިވާ ވެއްޓެއް ރައްޔިތުންނަށް ހޯދާދިނުމަކީ އަމާޒެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރަކީ "އިންސާނީ ހައްޤުތައް، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ހިމެނޭ ކަންކަން" މިއެވެ. މިޝިޢާރަށް އަލިއަޅުއްވާލަމުން ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވީ މިޝިޢާރުގެ މަގުސަދަކީ އިންސާނީ ހައްޤުތަކަކީ ދިރިއުޅުމުގެ ކޮންމެ ދުވަހަކާވެސް ގުޅިފައިވާ އަސާސީ ކަމެއްކަން ފާހަގަކުރުން ކަމަށެވެ. އަދި ހައްޤުތަކަކީ ބައެއް ފަހަރު އެހާ މުހިއްމުކަމެއްގޮތުގައި ނުވަތަ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމުގައިވިޔަސް، އެއީ ކޮންމެ ދުވަހަކުވެސް ދިރިއުޅުމުގައި ބަރޯސާ ވާންޖެހޭ އަސާސީ ކަންތައްތަކެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
އެޗްއާރުސީއެމުން ވިދާޅުވީ ޞިއްޙީ ފަރުވާ ލިބުމާއި، ރަނގަޅު ތައުލީމެއް ލިބުމާއި، ސާފުތާހިރު މާޙައުލެއްގައި ދިރިއުޅުމުގެ ހައްޤުފަދަ މިނޫންވެސް އެތައް ހައްޤުތަކެއް ދިރިއުޅުމާ ގުޅިލާމެހިފައިވާ ކަމަށެވެ. އަދި ތަފާތުކުރުންތަކުން ބަރީއަވެ ހަމަހަމަކަމާއެކު އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމުގެ މަގްސަދަކީ ހައްޤުތަކާމެދު ހޭލުންތެރިކަން އުފައްދައި، ހައްޤުތަކާމެދު އިތުބާރު ދަމަހައްޓައި އެންމެން އެކުގައި ގުޅިގެން އެކަކު އަނެކެއްގެ ހައްޤުތަކަށް އިޙްތިރާމުކުރުމަށް ބާރުއެޅުން ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޝަންގެ އަމާޒަކީ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދީ ހައްޤުތަކާމެދު ފުޅާދާއިރާއެއްގައި މަސައްކަތްކޮށް ހައްޤުތައް ކަށަވަކުރެވިފައިވާ ވެއްޓެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށްވެސް އެޗްއާރުސީއެމުން ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ، ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަކުރަމުންދާއިރު، މިއަދަކީ މި ދުވަސް ފާހަކުރާތާ 77 އަހަރު ފުރޭ އަހަރެވެ. މިއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވުޖޫދުވިތާ 22 އަހަރުފުރޭ ދުވަސްވެސްމެއެވެ.