މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްފައިވިއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރާކަމަށެވެ. އަދި މި އުފާވެރި ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ މަސްވެރިންނާއި ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ފަސްޓްލޭޑި ވަނީ އަރިސްކުރައްވާފައެވެ.
ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ތަކުރާރު ކުރަމުން، މި އުފާވެރި ދުވަހުގެ ތަހުނިޔާ އަރިސްކުރަން.
— First Lady Sajidha Mohamed (@sajidhaamohamed) December 10, 2025
މަސްވެރިކަމުގެ ޞިނާޢަތަށް ތިޔާގިކަމާއި މަންފާ އިތުރުކޮށް ދެއްވާށި. އާމީން pic.twitter.com/DdvXVgCniQ
ދިވެހިރާއްޖޭގެ ޤައުމީ މަސްވެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މިއަހަރުވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ. މި ނޫންވެސް މަސްވެރިކަމާއި ގުޅުންހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.