ޚަބަރު

ސަރުކާރުގެ އަމާޒް: މަސްވެރިކަމުގެ މަންފާ އިތުރުކޮށް މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން


  • ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަން ފާހަގަކުރެއްވި

  • ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވި

ސަރުކާރުގެ އަމާޒަކީ ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކޮށް މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މަސްވެރިންކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ މަސައްކަތް ދިރުވާ އާލާކުރުމާއި، މަސްވެރިކަމަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތައް ދެނެގަނެ ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އެންގުމެވެ.

މަސްވެރިންގެ ދުވަހުގެ ތަޙުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ގުޅިލާމެހިފައިވާކަމަށެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަން ފާހަގަކުރައްވާ ރައީސް ވަނީ މަސްވެރިކަމަކީ ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތްކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން، ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުމާއި، މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް ވަނީ ފޮނުއްވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތާއި މަދަދާއި ބަރަކާތް މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދިވަޑައިގެންވަނީ ދުޢާކުރައްވާފައެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމާއި ޕްރޮސެސިންގެ ފެސިލިޓީތަކުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން މި ސިނާޢަތް ސިންދަފާތު ކުރުމަށްވެސް ޕްލޭންތައް ހަދައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް މަސްވެރިކަން ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.